މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތަށް އެހީވުމުގެ ގޮތުން ރާއްޖެ ގެނެސްފައި ފާރަގެމަ ސްކޮޑަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ފިޝަރީޒް މިނިސްޓްރީއާ އެކު ފުލުހުން ސޮއިކޮށްފި އެވެ.

އިސްކަންދަރުކޮށީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރުގެ ނައިބު އިބްރާހީމް ޝަރީފެވެ. ފުލުހުންގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ހަސަން ހަބީބް އެވެ.

އެ އެއްބަސްވުމުގެ ދަށުން، ރާއްޖޭގައި ބޭނުންކުރާ ފާރަގެމަ ސްކޮޑްގައި ހިމެނޭ ކުއްތާތައް ފުރިހަމަ ސިއްހަތެއްގައި ބޭތިއްބުމަށް ބޭނުންވާ ޚިދުމަތް މިނިސްޓްރީގެ ފަރާތުން ފުލުހުންނަށް ފޯރުކޮށްދެމުންދާނެ އެވެ. މީގެ އިތުރުން މަހަކު އެއްފަހަރު ކުއްތާތަކުގެ ސިއްހީ ހާލަތު ދެނެގަތުމަށް ބޭނުންވާ ތަހުލީލުތައް ކުރުމާއި ކަމާގުޅޭ ރިޕޯޓެއް ތައްޔާރުކޮށް ފުލުހުންނަށް ހުށަހެޅުން ވެސް އެއްބަސްވުމުގައި ހިމެނެ އެވެ.

އޮޕަރޭޝަނެއްގައި ފުލުހުން ކުއްތާ ބޭނުން ކުރަނީ-- ސަން ފައިލް ފޮޓޯ

މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން އެކަމަށް ބޭނުންވާ ފަންނީ ތަމްރީނުތައް ފާރަ ގެމައިގައި ހިމެނޭ ފުލުހުންނަށް ދިނުމާ ފާރައަށް ސިއްހީ ޚިދުމަތް ދިނުމަށް ބޭނުންވާ ސާމާނު ހޯދުމުގައި ފުލުހުންނަށް އެހީތެރިވުމުގެ އިތުރުން ފުލުހުން ހިންގާ އެކިއެކި އޮޕަރޭޝަންތަކުގައި ފިޝަރީޒް މިނިސްޓްރީން ދެވެން އޮތް އެހީތެރިކަން ދިނުންވެސް ހިމެނެ އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތް ހަލުވިކޮށް ފުޅާ ކުރުމުގެ ގޮތުން އެކުލަވާފައިވާ ފުރަތަމަ ފާރަގެމަ ސްކޮޑްގައި ހިމެނެނީ 16 ކުއްތާ އެވެ. އެ އެއްޗެހި ބޭނުންކޮށްގެން ފުލުހުން އަންނަނީ ކާމިޔާބު އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.