15 Jul 2015, 14:10
ބ. ކަމަދޫ ކައުންސިލްގެ ރައީސް އަހުމަދު ސަމީރު އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކޮށްފި އެވެ.
ކަަމަދޫ ކައުންސިލްގައި މިއަދު ބޭއްވި ބައްދަލުވުމުގައި ކަމަދޫ ކައުންސިލްގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގީ މިއަދު އެ ކައުންސިލްގައި ބޭއްވި ކައުންސިލް ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ފަސް މެމްބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެރިވީ ހަތަރު މެމްބަރުންނެވެ.
އެގޮތަށް ފާސްވީ ތިން މެމްބަރުން ވޯޓް ދެއްވައިގެންނެވެ. ކައުންސިލްގެ ރައީސް ވަނީ ބައްދަލުވުން ދޫކުރައްވައި ވަޑައިގެންފަ އެވެ.
ކަމަދޫ ކައުންސިލްގެ ނައިބް ރައީސް ހަސަން ޒުހޫރު މިއަދު 'ސަން' އަށް ވިދާޅުވީ އެ ކައުންސިލްގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގީ މަގާމުގެ މަސްއޫލިއްޔަތު އެކަށީގެންވާ ގޮތުގައި އަދާ ކުރައްވަމުން ނުގެންދަވާތީ ކަމަށެވެ.
ކަމަދޫ ކައުންސިލްގެ ހިންގާ ގަވާއިދުގެ ދަށުން ރައީސް އާއި ނައިބް ރައީސް އިދާރީ ކައުންސިލް ހިންގުމުގައި އިހުމާލުވާކަން ކައުންސިލްގެ މެމްބަރުންނަށް ފާހަގަކުރެވިއްޖެ ނަމަ އެ އިހުމާލުވި މެމްބަރެއްގެ އިތުރުން އިތުރު ދެ މެމްބަރެއް ތާއީދާ އެކު ކައުންސިލް ބައްދަލުވުމަށް ހުށަހަޅަންޖެހެ އެވެ.
"އެކަން އިސްލާހުކުރުމަށް ފުރަތަމަ ކައުންސިލުން ދިން 45 ދުވަސް ހަމަވެގެން ދެވަނަ އަށް ދިން 30 ދުވަހުގެ މުއްދަތު އިއްޔެ ވަނީ ހަމަވެފައި، އެހެންނަމަވެސް ރައީސް ޖަވާބު ދާރީވެވަޑައެއް ނުގަންނަވާ،" ކައުންސިލްގެ ނައިބް ރައީސް ވިދާޅުވި އެވެ.
އަހުމަދު ސަމީރު ވިދާޅުވީ މަގާމުން ދުރުކުރިކަން އަދި އެނގިފައިނުވާ ކަމަށެވެ.
"މިއަަދުގެ ބައްދަލުވުމުގައި އަޅުގަނޑު ބައިވެރިވިން، އެފަދަ މައްސަލައެއް ހުށަހަޅައިފައި އޮތް ކަން ވެސް އިނގޭ، އެހެން ނަމަވެސް ޖަލްސާގެ އެޖެންޑާއާ ހަމައިން އަޅުގަނޑު ނުކުމެއްޖައިން،" ސަމީރު ވިދާޅުވި އެވެ.
ކަމަދޫ ކައުންސިލްގައި ތިބެނީ އެމްޑީޕީގެ ތިން މެމްބަރުންނާއި ޖޭޕީގެ މެމްބަރަކާއި ޕީޕީއެމްގެ މެމްބަރެކެވެ. އަދި ކައުންސިލްގެ ރައީސް އަކީ ޕީޕީއެމްގެ މެމްބަރެކެވެ.