15 Jul 2015, 14:05
ށ. ކޮމަންޑޫ ބެލެންސް ދޯނިން މިދިޔަ އަހަރު ހޮވި 50 ކިލޯގެ މާވަހަރު ވިއްކައިގެން ލިބުނު 17 މިލިއަން ރުފިޔާއިން އެއްވެސް ބައެއް ދޯނީގެ ވެރިމީހާއަށް ދޭން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ބެލެންސް ދޯންޏަކީ ކޮމަންޑޫ އާރޯޒް އަބްދުﷲ އިބްރާހިމް 87،000 ރުފިޔާ އަށް އެރަށު ހަތިހާ، ޝަރީފް އިދުރީސަށް ވިއްކާލި ދޯންޏެކެވެ. އަދި އެ ފައިސާގެ ތެރެއިން 17،000 ރުފިޔާ ބާކީ ނުދައްކައި އޮތުމުން އެ ދޯންޏަކީ އަބްދުﷲގެ ދޯންޏެއް ކަމަށް ބުނެ މާވަހަރުން ދޯންޏަށް ލިބެންވީ ބައި ހޯދަށް އޭނާ ސިވިލް ކޯޓުގައި ދައުވާ ކުރީ މިދިޔަ އަހަރު އެވެ.
އެ މައްސަލަ ބެލުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ސިވިލްކޯޓުން އިއްވި ހުކުމްގައި ވަނީ މާވަހަރު ވިއްކައިގެން ލިބުނު ފައިސާއިން އެއްވެސް މިންވަރެއް އަބްދުﷲ އަށް ދޭން އަންގާނެ ތަނެއް ނެތް ކަމަށެވެ.
އަދި ދޯނި ވިއްކައިގެން ލިބުނު ފައިސާއިން އަބްދުﷲއަށް މަންފާ ހޯދުމުގެ ފުރުސަތު އޮތް ފަދައިން ދޯނިން ފައިދާ ހޯދުމުގެ ފުރުސަތު ޝަރީފަށް އޮއްނާނެ ކަމަށްވެސް ހުކުމުގައި ވަނީ ބުނެފަ އެވެ.