15 Jul 2015, 13:55
ސިވިލް ސާވިސް މުވައްޒަފުން އާއްމުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ބަލައި އެންމެ ރަނގަޅަށް މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން 13،905 މުވައްޒަފުންނަށް މި އަހަރު ބޯނަސް ދޭން ދިވެހި ސިވިލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.
މިއަދު ހެނދުނު ސިވިލް ސާވިސް ކޮމިޝަނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސިވިލް ސާވިސް ސީނިއާ އެޗްއާރު އޮފިސަރު މުހައްމަދު ރިޒާ ވިދާޅުވީ މި އަހަރު ބޯނަސް ލިބޭ މުވައްޒަފުންގެ އަދަދު މިދިޔަ އަހަރާ އަޅާ ބަލާއިރު ތިން ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.
"ދެން އަޅުގަނޑުމެން އެންމެ ފުރަތަމަ ހުރިހާ އޮފީހަކުން މުވައްޒަފުންގެ މައުލޫމާތުތައް މި އެއްކުރީ. އެކޮށްފައި މުވައްޒަފުން އާންމުންނަށް ހިދުމަތް ފޯރުކޮށްދީފައި ހުރީ. ހަމައެހެންމެ މަސައްކަތު ފެންވަރު ބެލުމުގައި އަޅުގަނޑުމެން ބޭނުން ކުރާ ނިޒާމުގެ ތެރެއިން އެއްކުރަން ޖެހޭ މައުލޫމާތު އެއްކުރުމަށް ފަހު އަޅުގަނޑުމެން މި ދެންނެވި ގޮތަށް މި ކަނޑައެޅީ،" ރިޒާ ވިދާޅުވި އެވެ.
ސިވިލް ސާވިސް މުވައްޒަފުންނަށް ބޯނަސް ދިނުމަށް ޓަކައި މިއަހަރު ލިބިފައި ވަނީ 40 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ފިނޭންސް މިނިސްޓުރީގެ ހާއްސަ ބަޖެޓުގެ ތެރެއިން އެ އަދަދު މިހާރު ހަމަޖެހިފައިވާ ކަމަށް ރިޒާ ވިދާޅުވި އެވެ.
ރިޒާ ވިދާޅުވީ މިއަހަރުގެ ބޯނަސް ލިބޭނެ ގޮތްތައް މުވައްޒަފުންނަށް ވެސް ސާކިއުލާއެއް މެދުވެރިކޮށް އަންގާފައިވާނެ ކަމަށާއި އެގޮތުން ބޯނަސް ލިބިގެން ދާނީ ޖުލައި ނުވަތަ އޯގަސްޓު މަހުގެ މުސާރައާ އެކީގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އިދާރާތަކުން ބޭނުންވެއްޖެ ނަމަ މި މަހުގެ މުސާރައާ އެކީގައި ވެސް ބޯނަސް ދެވިދާނެ ކަމަށެވެ.
ބޯނަސް ދިނުމުގައި ކަނޑައަޅާފައިވާ ދަރަޖަތައް:
- ބޯނަސްގެ ގޮތުގައި އެމުވައްޒަފެއްގެ އަސާސީ މުސާރަ އެއްކޮށް ލިބޭނެ
- އަސާސީ މުސާރައިގެ 2/3 ބައި ލިބޭނެ
- އަސާސީ މުސާރައިގެ 1/3 ބައި ލިބޭނެ
ރިޒާ ވިދާޅުވީ ބޯނަސް ހައްގުވާ މުވައްޒަފަކަށް ބޯނަސް ނުލިބޭ ނަމަ އެ ފައިސާ ހޯދުމަކީ އެ މުވައްޒަފެއްގެ ޒިންމާއެއް ކަމަށެވެ. އަދި ވިދާޅުވީ އެންމެ ފުރަތަމަ ޝަކުވާ ހުށަހަޅާނީ އެ މުވައްޒަފެއް މަސައްކަތް ކުރާ އިދާރާއަކަށް ކަމަށެވެ. ބޯނަސް ލިބޭތާ އެއް މަސް ދުވަހުގެ ތެރޭގައި ޝަކުވާ ހުށަހެޅޭނެ ކަަމަށާއި ޝަކުވާ ހުށަހަޅާތާ 10 ދުވަހުގެ ތެރޭގައި ލިޔުމުން ޖަވާބު ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ސިވިސް ސާވަންޓުންގެ ގޮތުގައި 25،076 މުވައްޒަފުން މަސައްކަތް ކުރަމުން އެބަދެ އެވެ.