ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސަސްގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފްގެ މައްޗަށް ޗެކް ބައުންސް މައްސަލައެއްގައި ދައުލަތުން ދައުވާ ކޮށްފި އެވެ.

ދައުލަތުން އިސްމާއިލްގެ މައްޗަށް މިއަދު ކުރި ދައުވާގައި ވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ލިންކް ސާވިސް އިން 771،000 ރުފިޔާ ނެގުމަށްފަހު އޭގެ ތެރެއިން އެ ކުންފުންޏަށް އަނބުރާ ނުދައްކާ އޮތް 300،000 އަށް ވުރެ ގިނަ ރުފިޔާ ދޭން އެ ކުންފުންޏަށް އިސްމާއީލް ދޫކުރި ދެ ޗެކެއް ބައުންސްވެފައިވާ ކަމަށެވެ.

އަދި މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސްގެ ނަމުގައި މޮރިޝަސް ކޮމާޝަލް ބޭންކުގައި ހުޅުވާފައިވާ އެކައުންޓުން 10،000 ޑޮލަރުގެ ދެ ޗެކެއް 2012 ގައި އެކުންފުންޏަށް ދިން ކަމަށްވެސް ދައުލަތުން ދައުވާގައި ވެއެވެ.

އެހެންކަމުން ލިންކް ސާވިސް އަށް ނުލިބި ހުރި ފައިސާ ހޯދައި ދިނުމަށް ދައުލަތުން ވަނީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެދިފަ އެވެ.

ދައުލަތުން އިސްމާއިލުގް މައްޗަށް އުފުލާފައިވާ ޗެކް ބައުސްގެ ދައުވާ ސާބިތުވެއްޖެ ނަމަ ހަ މަހާއި ދެ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލާން ނުވަތަ އަރުވާލުމުގެ ހުކުމެއް އޭނާގެ މައްޗަށް އަންނާނެ އެވެ.

ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ވަކީލަކު ހަމަޖެއްސުމަށް ތިން ދުވަހުގެ ފުރުސަތެއް އޭނާއަށް ދިނުމަށްފަހު އެވެ.

ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އިސްމާއިލްގެ މައްޗަށް ދައުލަތުން އުފުލާފައ ވަނީ ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އެވެ.

އެ މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް މިހާރު ވަނީ ނިމިފައެވެ.