15 Jul 2015, 13:51
މިނިވަން 50 އާ ގުޅިގެން މުޅި ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ހާއްސަ އޮޕަރޭޝަންތަކެއް ހިނގުމަށް ފުލުހުން ނިންމައިފި އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ އެގްޒެކެޓިވް ބޯޑުން މިއަދު ނިންމާފައި ވަނީ މިނިވަން ދުވަސް ފާހަގަކުރުމަށް ބާއްވާ ހުރިހާ ހަރަކާތަކީ ވެސް އުފާވެރިކަމާއި މިނިވަންކަން އިހްސާސް ކުރެވޭނެ ފަދަ ވެއްޓެއްގައި ބޭއްވޭ ހަރަކާތަކަކަށް ހެދުމަށް ކުރަން ޖެހޭ މަސައްކަތްތައް ފުހުންގެ ހުރިހާ "ގުނަވަނެއް" ގުޅިގެން ހުރިހާ ވަސީލަތެއް ބޭނުން ކުރުމަށެވެ.
"މިނިވަންދުވަހާ ގުޅިގެން ސަރުކާރުން ބާއްވާ ރަސްމީ އިހްތިފާލުތަކާ ގުޅިގެން ސަލާމަތީ ގޮތުން އެއްގަމާ ކަނޑުގައި ހިންގަން ޖެހޭ ހުރިހާ އޮޕަރޭޝަންތަކެއް ކަމާ ބެހޭ ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރިޔަށް ގެންދިއުމަށާއި އެކަމަށް ބޭނުންވާ ތައްޔާރީތައް މިހާރުން ފެށިގެން ކުރިޔަށް ގެންދަން ވެސް އެގްޒެކެޓިވް ބޯޑުން ވަނީ ނިންމާފައި،" ފުލުހުން ބުންޏެވެ.

މިނިވަން ދުވަހު ބާއްވާ ހަފްލާތަކާ ހަރަކާތްތަކުގައި ރާއްޖެއިން ބޭރުގެ ގިނަ އަދަދެއްގެ މެހްމާނުން ބައިވެރިވާ އިރު އެފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ސިފައިންނާ ގުޅިގެން މަސައްކަތް ކުރުމަށާއި ރާއްޖެއަކީ އަމާންކަމާއި ރައްކާތެރިކަން ލިބިގެންވާ ގައުމެއްކަން ޔަގީން ކުރެވޭ ފަދަ ހަރަކާތްތަކެއް އެ އޮޕަރޭޝަންގެ ތެރޭގައި ދައްކުވައި ދިނުމަށް ފުލުހުންގެ އޮޕަރޭޝަންގައި އިސްކަމެއް ދިނުމަށް ވަނީ ނިންމައިފަ އެވެ.
މިނިވަން ފަންސާހުގެ ހަރަކާތްތަކާ ގުޅިގެން ސަލާމަތީ ގޮތުން ފުލުހުން ކުރިޔަށް ގެންދާ ހަރަކާތްތައް ކުރިޔަށް ގެންދިއުމުގައި ސިފައިންނާއި ކަމާ ގުޅޭ އެހެން އިދާރާތަކާ އެކު ވެސް ފުލުހުން ވަނީ މަޝްވަރާތައް ފަށައިފަ އެވެ.