ޤާހިރާ : މިސްރުގެ ޚާރިޖީ ވަޒީރު ކަމުގެ މަޤާމަށް ތަޖްރިބާކާރު ޑިޕްލޮމޭޓެއް ކަމަށްވާ ނަބީލުލްޢަރަބީ އިޚްތިޔާރުކޮށްފިއެވެ.

ޤާނޫނީ ރޮނގުން އެމެރިކާއިން މަތީ ތަޢްލީމް ޙާސިލްކުރައްވައިގެން ހުންނެވި ޢުމުރުން 76 އަހަރުގެ ނަބީލަކީ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ފަނޑިޔާރެއްގެ ގޮތުން ހައަހަރުވަންދެން ޚިދްމަތްކުރައްވާފައިވާ އަދި ބައިނަލްއަޤްވާމީ އެކި މުއައްސަސާތަކުގައިވެސް މަތީ މަޤާމްތަކެއް އަދާކުރައްވާފައިވާ ވަރަށް ވަރުގަދަ ޝަޚްސިއްޔަތެކެވެ.

އޭނާވަނީ 1991 ން 1999 ށް އދ. ގައި ހުންނަވާ މިސްރުގެ ދާއިމީ މަންދޫބު ކަމުގެ މަޤާމްވެސް އަދާކުރައްވާފައެވެ. ނަބީލަކީ މިސްރުގެ ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ ވެރިކަން ވައްޓާލި 25 ޖަނަވަރީ ރިވޮލިއުޝަނުގެ ޒުވާނުންގެ މެދުގައި ވަރަށް މަޤްބޫލު ބޭފުޅެކެވެ.

މިޒުވާނުންވަނީ މިސްރުގައި އަލަށް އެކުލަވާލި ސަރުކާރުގައި ނަބީލް ހިމެނުމަށް އާ ބޮޑުވަޒީރު ޢިސާމް ޝަރަފަށް އިލްތިމާސް ކުރައްވާފައެވެ.

މުބާރަކްގެ ޚުދުމުޚްތާރު ވެރިކަން ވައްޓާލި 25 ޖަނަވަރީގެ އިންޤިލާބަށްފަހު ނަބީލްވަނީ މުބާރަކްގެ ދުވަސްވަރު މިސްރު ގެންގުނު އެމެރިކާއަށް ބޯލެނބުމުގެ ޚާރިޖީ ސިޔާސަތަށް ފާޑުވިދާޅުވެ މިއީ ރޭވުންތެރިކަމެއްނެތް ޚާރިޖީ ސިޔާސަތެއްކަމަށް ސިފަކުރައްވާފައެވެ.

ޚާއްސަކޮށް ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތަކުގައި ބައިވެރިވެ ޣައްޒާގެ ރައްޔިތުން ނިކަމެތި ކުރުމުގައި އިސްރާއީލަށް އެއްބާރުލުން ދިނުމަށް މުބާރަކްގެ ވެރިކަމުގައި ގެންގުޅުނު އެމެރިކާގެ ގޮނޑިކޮއްކޮ ޚާރިޖީ ސިޔާސަތު ބަދަލުކުރުމަށް ގޮވާލައްވާފައެވެ.

މިސްރުގެ ޚާރިޖީ ސިޔާސަތު މިހާތަނަށް ކުރިޔަށްދިޔައީ މިސްރަށާއި ޢަރަބީންނަށާ އަދި އިސްލާމީ އުންމަތުގެ ފައިދާއާއި މަސްލަހަތަށް ބެލުމުގެ ހަރުދަނާ އަސާސްގެ މަތިން ނޫންކަމަށާއި މިސްރުން ގެންގުޅެފައިވަނީ ބޭރުގެ ބާރުތަކުން އަންގާ އެންގުންތަކަށް ބޯލެނބުމުގެ ރޭވުންތެރިކަމެއްނެތް ރެންޑަމް ސިޔާސަތެއްކަމަށްވެސް ނަބީލް ވިދާޅުވެފައިވެއެވެ.

މިސްރުގެ ޚާރިޖީ ކަމުން ވަކިވެ ވަޑައިގަންނަވާ އަހްމަދު އަބުލްޣައިތު އެމަޤާމާ ހަވާލުވެ ވަޑައިގެންނެވީ 2004 ވަނަ އަހަރުއެވެ. (އަލްޖަޒީރާ+ބީ.ބީ.ސީ)