15 Jul 2015, 12:52
މެކްސިކޯގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ގޭންގެއްގެ ވެރިއެއް ކަމަށްމާ ޖޯގިން ގުޒްމަން ފިލައިގެން ދިއުމާ ގުޅިގެން އޭނާ ހުރި ޖަލު ގޮޅީގެ ސީސީޓީވީ ފުޓޭޖް އާންމުކޮށްފި އެވެ.
ގުޒްމަން ހުރި ޖަލު ގޮޅީގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުން އޭނާ ފިލައިގެން ގޮސްފައި ވަނީ ޖަލު ގޮޅީގެ ސީސީޓީ ކެމެރާއާއި ދުރުން، ކެމެރާއަށް ނާރާގޮތަށް ހުރި ގޮޅިއަކުން ތިރިއަސް ފައިބައިގެންނެވެ.
ގުޒްމަން ދެތިން ފަހަރަކު ޖަލުގެ ގޮޅި ތެރޭ ހިނގާލުމަށް ފަހު އެ ގޮޅިވެސް ދެފަހަރަކަށް ބޯދިއްކޮށްލައި ބަލާލާ މަންޒަރު އެ ވީޑިއޯ އިން ފެނެ އެވެ. އަދި އޭގެ ފަހުން އިށީދެ ބޫޓަށް އަރައިގެން ގޮސް އެ ގޮޅިން ތިރިއަށް ފައިބާ ގެއްލުނީ އެވެ.
މެކްސިކޯގެ މަޝްހޫރު ޑްރަގް ލޯޑު ޖަލުން ފިލާފައި ވަނީ 1.5 ކިލޯ މީޓަރުގެ ބިންގަރާހަކުން ކަމަށް މެކްސިކޯގެ ފުލުހުން ބުނެފައިވެ އެވެ. ބެލެވޭ ގޮތުން ޖަލުގެ ހޮޅުން ތިރިއަށް އޭނާ ފޭބީ އެ ބިންގަރާހަށެވެ.
ގުޒްމަން ފިލިކަމަށް ބެލެވޭ ބިންގަރާހުގެ ފޮޓޯތަކެއް ވެސް އިއްޔެ ވަނީ މެކްސިކޯގެ ފުލުހުން އާންމުކޮށްފަ އެވެ.
އެ ފޮޓޯތަކުން ފެންނަ ގޮތުން ގުޒްމަން ފިލަން ބޭނުން ކުރި އެ ބިންގަރާސް ހަދާފައި ވަނީ ޖަލުގެ އަޑި އަޑިން ގޮސް ޖަލާ މާދުރުނޫން ގެއެއްގެ ތެރެއަށް ނިކުމެވޭ ގޮތަށެވެ. އަދި ބިންގަރާހުން މައްޗަށް އެރުމަށް އޭނާ ވަނީ ހަރުގަނޑެއް ބަހައްޓައިފަ އެވެ. އޭނާ ބިންގަރާހުން މައްޗަށް އަރާފައި ވަނީ އެ ހަރުގަނޑުންނެވެ.

ބިންގަރާހުން މައްޗަށް އެރުމަށް ހަދާފައިވާ ކުޑަގޮޅި -- ފޮޓޯ ރޮއިޓާސް
އެންޓިޕްލާނޯ ފެޑެރަލް ޕްރިޒަން ނަމަކަށް ކިޔާ ޖަލުގައި ބަންދުކޮށްފައި ހުރި ގުޒްމާން ފިލިކަން އެނގުނީ އެޖަލުގެ ގަވައިދުން ފާސްކުރާ ފާސްކުރުމަށް ޖަލުގެ ގާޑުން އިއްޔެ ދިއުމުން ކަމަށް މެކްސިކޯގެ އޮފިޝަލުންނާ ހަވާލާދީ ސީއެންއެން ބުންޏެވެ.
ގުޒްމަން އަކީ ދުނިޔޭގައި މިހާތަނަށް ހިންގާފައިވާ ޑްރަގް ޓްރެފިކް ކުރުމުގެ އެންމެ ނުރައްކާތެރި އަދި ވަރުގަދަ އޮޕަރޭޝަންތަކުގައި އެންމެ އިސްކޮށް ހުރި ކަމަށް ބެލެވޭ މީހާ އެވެ.
އޭނާ މެކްސިކޯގެ ޖަލަކުން 2001 ވަނަ އަހަރު ފިލީ ލޯންޑްރީ ކާޓެއް ބޭނުންކޮށްގެންނެވެ. އަދި އޭގެ ފަހުން އޭނާ ހައްޔަރުކޮށް އަލުން ޖަލަށް ލާފައި ވަނީ މިދިޔަ އަހަރު އެވެ.