ނިއުކްލިއާ ހަތިޔާރު ނައްތައިލަން ރާއްޖޭން ގޮވައިލަމުން އަންނަ ގޮވައިލުން ތަކުރާރު ކުރައްވާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ.

އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާއި ދެމެދު އިއްޔެ ސޮއިކުރި އެއްބަސްވުމަށް މަރުހަބާ ވިދާޅުވުމަށް ދުންޔާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ނިއުކްލިއާ ހަތިޔާރުތައް ނައްތާލައި ދުނިޔޭގެ ތާރީހުގެ ކަޅު ސަފުހާތައް ބަންދުކުރުމަށް ކުރުމަށް ރާއްޖޭން އަބަދުވެސް ގޮވާލައިފައި ވާނެ ކަމަށެވެ.

"...މިއަދުގެ އެއްބަސްވުމަކީ ސަރަހައްދުގެ ސުލްހައާއި ޑިޕްލޮމެޓިކް ގުޅުމަށް މައިގަނޑު ފައިދާއެއް ކުރާނެ އެއްބަސްވުމެކެވެ. ރާއްޖޭން އަބަދުވެސް ގޮވާލާފައިވާނީ ގައުމުތައް ގުޅިގެން އުޅުމަށެވެ. އަދި ބޮޑެތި ގެއްލުން ދެނިވި ހަތިޔާރުތައް ނައްތައިލުމުގެ ތެރެއިން އިންސާނީ ތާރީޚުގެ ކަޅު ސަފުހާތައް ބަންދުކުރުން އިހުތިޔާރުކުރުމަށެވެ،" ބަޔާނުގައި ވެއެވެ.

ގިނަ އަދަދެއްގެ ނިއުކްލިއާ ހަތިޔާރު އުފައްދައި ގުދަން ކޮށްގެން ތިބި ގައުމުތައް ކަމަށްވާ އެމެރިކާއާއި އިނގިރޭސިވިލާތާއި ރަޝިއާއި ޗައިނާ އާއި ފްރާންސާއި ޖަރުމަނާއި އެކު އީރާނުން ސޮއިކުރި އެއްބަސްވުމުގެ ދަށުން އީރާނުގެ ނިއުކްލިއާ މަޝްރޫއުގެ މަސައްކަތް ކުޑަކުރަން ޖެހެއެވެ. އެގޮތުން އެގައުމުން ޔުރޭނިއަމް ފައްކާ ކުރަން ވާނީ ހަމަ އެކަނި މަދަނީ ކަންކަމަށް ބޭނުން ކުރެވޭ ވަރުގެ މަދު މިންވަރެއް ކަމަށް ވެސް އެ އެއްބަސްވުމުގައި ވެއެވެ. އެއްބަސްވުމުގެ ދަށުން އެހެން ގައުމުތަކުން ކުރާނެ ކަމަކީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތައިލުމެވެ.