15 Jul 2015, 12:10
ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނުކުރުމަށް ހުޅުވާލި ފުރުސަތުގައި، ބައިވެރިންގެ ތަރުހީބު ކުޑަކަމުން ދެވަނަ ފަހަރަށް ހުޅުވާލި ފުރުސަތުގައި ވެސް ކުރިމަތިލާފައި ވަނީ އެންމެ ފަރާތަކުން ކަމަށް ޑިޕާޓުމަންޓު އޮފް ހަޔާ އެޑިއުކޭޝަނުން ބުނެފި އެވެ.
އެ ޑިޕާޓުމަންޓުގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ ދެވަނަ ފަހަރަށް ވެސް ސުޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނު ކުރުމަށް ފުރުސަތު ހުޅުވާލީ އެއްވެސް ފަރާތަކުން އެކަމަށް އެދި ކުރިމަތިލާފައި ނުވާތީ ކަމަށެވެ.
ސުޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނު ކުރުމަށް ހަޔާ އެޑިއުކޭޝަނުން ދެވަނަ ފަހަރަށް ފުރުސަތު ހުޅުވާލީ މި މަހުގެ ތިންވަނަ ދުވަހު އެވެ.
ސުޕެޝަލިސްޓު ޑޮކްޓަރުން ތަމްރީނު ކުރުމަށް ފުރަތަމަ ހުޅުވާލި ފުރުސަތުގައި އިއުލާނުކޮށްފައި ވަނީ ހަތް ދާއިރަކުން މީހުން ތަމްރީނު ކުރުމަށެވެ.
އެހެންނަމަވެސް ދެވަނަ ފަހަރަށް ހުޅުވާލި ފުރުސަތުގައި އިއުލާނުކޮށްފައި ވަނީ ތިން ދާއިރާއަކުން މީހުން ތަމްރީނު ކުރުމަށެވެ.
އެއީ އެނެސްތީސިއޮލޮޖީގެ ދާއިރާ އިން ދެ ޑޮކްޓަރުންނާއި ޖެނެރަލް ޕްރެކްޓިޝަނަރސް ދާއިރާއިން އެއް ޑޮކްޓަރުންނެވެ.
އެ ދާއިރާތަކުން ތަމްރީނު ހޯދުމަށް ބޭނުންވާ މީހުންނަކީ އެމްބީބީއެސް ހެދުމަށް ފަހު މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓަރީވެފައިވާ މީހެއް ކަމުގައިވާން ޖެހޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ.
ޑިޕާޓުމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ބުނީ އެ ފުރުސަތުތަކަށް މީހުން ހޮވުމުގައި ވަކި މިންގަނޑުތަކަކަށް އިސްކަން ދެވޭނެ ކަމަށެވެ. އެގޮތުން އަތޮޅު ތެރޭގެ ސަރުކާރު ހޮސްޕިޓަލެއް ނުވަތަ ސިއްހީ މަރުކަޒެއްގައި މަސައްކަތް ކުރާ ޑޮކްޓަރުންނަށް އިސްކަން ދެވޭނެ ކަމަށް އެ ޑިޕާޓުމަންޓުން ނެރުނު އިއުލާނުގައި ބުނެފައިވެ އެވެ.
އަތޮޅު ތެރޭގައި މަސައްކަތްކުރައްވާ ޑޮކްޓަރުންގެ އަދަދު ހުޅުވާލެވިފައިވާ ފުރުސަތުގެ އަދަދަށް ވުރެ އިތުރުވާ ނަމަ ދެން އިސްކަންދެވޭނީ، އެމްބީބީއެސް ހެދުމަށްފަހު އަތޮޅުތެރޭގެ ސަރުކާރު ހޮސްޕިޓަލެއް ނުވަތަ ސިއްޙީ މަރުކަޒެއްގައި ޚިދުމަތް ކޮށްފައިވާ މުއްދަތަށް ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.
އެ ސްކޮލަޝިޕްގެ ދަށުން މަތީތައުލީމު ހާސިލުކުރުމަށް ފުރުސަތު ލިބޭ ދަރިވަރުން ކިޔަވައި ނިންމުމަށް ފަހު، އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގައި ފަސް އަހަރު ދުވަހު ޚިދުމަތް ކުރުމަށް ބޮންޑްކުރެވޭނެ ކަމަށް ވެސް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.