15 Jul 2015, 12:22
އީރާނުގެ ނިއުކްލިޔާ މައްސަލަ ޙައްލުކުރުމަށް ޓަކައި އެގައުމާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން އިއްޔެ ސޮއިކުރި އެއްބަސްވުމަށް މުޅިދުނިޔެ މަރްޙަބާ ކިޔަމުންދާއިރު މިއީ ތާރީޚީ އަދި ސްޓްރެޓީޖިކް ގޯހެއްކަމަށް ސިފަކުރައްވާފައިވަނީ ހަމައެކަނި އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ އެވެ. ދެން މިއެއްބަސްވުމަށް ފިނި ތަރްހީބެއް ދީފައި ވަނީ އިސްރާއީލު ފިޔަވައި މެދުއިރުމަތީގައިވާ އެމެރިކާގެ އެންމެ ގާތް ބައިވެރިޔާ ކަމަށްވާ ސައޫދީ އަރަބިޔާ އެވެ. އެހެންކަމުން އެގައުމުތަކުގެ ލީޑަރުންގެ ހިތްޕުޅު ހަމަޖެއްސުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ މިހާރު ނިންމަވާފައި ވަނީ އެމެރިކާގެ ދިފާއީ ވަޒީރު އެޝްޓަން ކާޓަރު އެގައުމުތަކަށް ފޮނުވުމަށެވެ. ވައިޓް ހައުސްއާ ގުޅުންހުރި ދާއިރާތައް ބުނާ ގޮތުން އެޝްޓަން ކާޓަރު ފޮނުއްވުމަށް އޮބާމާ އަދި ނިންމަވާފައި ވަނީ ދެ ގައުމަކަށެވެ. އެއީ އިސްރާއީލަށާއި ސައޫދީ އަރަބިޔާ އަށެވެ.
އިސްރާއީލުގެ އިތުރުން އިސްރާއީލަށް ތާއީދުކުރާ އެމެރިކާގެ ނުފޫޒުގަދަ ޒަޔަނިސްޓް ލޮބީ ގްރޫޕްތައް ވެސް ވަނީ މިއެއްބަސްވުން ވުޖޫދަށް އައުން ހުއްޓުވުމުގައި މުޅިން ނާކާމިޔާބުވެފަ އެވެ. އިސްރާއީލަކީ ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފައިގެން އުޅޭ އދ. އަށާއި ބައިނަލްއަގްވާމީ މުޖްތަމައަށް ނުކިޔަމަންތެރި އަދި ސިއްރިޔާތުގައި ނިއުކްލިޔާ ހަތިޔާރު އުފައްދާފައިވާ އިސްތިއްމާރީ ޚިޔާލުގެ ގައުމެކެވެ. އެމެރިކާގެ ކޮންގްރެސްގައި އަޣްލަބިއްޔަތު އޮންނަ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ހަރުކަށި ވިސްނުމުގެ މެންބަރުން ވެސް މިއެއްބަސްވުމާ ދެކޮޅަށް ކުރިމަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.
މެދުއިރުމަތީގެ ގައުމުތަކަށް ބާރާއި ނުފޫޒު ހިންގުމުގައި އީރާނާ ވާދަކުރާ ގައުމަކީ ސައޫދީ އަރަބިޔާ އެވެ. ސައޫދީންގެ ފަހަތުގައި ގަލްފުގެ މުއްސަނދި އެހެންނަމަވެސް ކުދިކުދި އަރަބި ގައުމުތައްވެ އެވެ. ގަލްފުގެ ގައުމުތަކުގެ ތެރޭން އީރާނުގެ ނިއުކްލިޔާ އެއްބަސްވުމާމެދު ކަންބޮޑުވާކަން ހާމަނުކުރާ ހަމައެކަނި ގައުމަކީ އުމާން އެވެ.
އުމާނަކީ އީރާނާ ބަދަހިގުޅުންތަކެއް އަބަދުވެސް އޮންނަ ގައުމެކެވެ. އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް ސައޫދީ އަރަބިޔާއިން ފިނި ތަރްހީބެއް ދީފައިވާއިރު ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) ން ވަނީ އާންމު ޑިޕްލޮމެޓިކް އުސޫލަކުން މަތިމަތިން މިއެއްބަސްވުމަށް މަރްޙަބާ ކިޔާފައެވެ. މިގޮތުން ޔޫއޭއީގެ ރައީސް ޝައިޚް ޚަލީފާބިން ޒާޔިދް މިއެއްބަސްވުމާ ގުޅިގެން އީރާނުގެ ރައީސް ޑރ. ހަސަން ރޫހާނީ އަށް ފޯނުންގުޅުއްވައި މަރްހަބާ ވިދާޅުވެފައިވެ އެވެ. މިއެއްބަސްވުމާބެހޭ ގޮތުން ސައޫދީ އާއީ ޔޫ.އޭ.އީގެ އިސްވެރިންނާ އޮބާމާ އިއްޔެވަނީ ފޯނުން ގުޅުއްވައި އީރާނާއެކު ސޮއިކުރި ނިއުކްލިޔަރ އެއްބަސްވުމުގެ މުހިއްމުކަން އެބޭފުޅުންނަށް ހާމަކޮށްދެއްވާފައެވެ.
އީރާނަކީ މިހާރު ވެސް އެސަރަހައްދުގެ ބާރަކަށްވެފައި އީރާނަކީ ގުދްރަތީ ޚަޒާނާގެ ގޮތުން މުއްސަނދި އަދި ހަތިޔާރު އުފެއްދުމާއި ފަޒާގެ ޓެކްނޮލޮޖީއާއި ނިއުކްލިޔަރ ޓެކްނޮލޮޖީފަދަ ޒަމާނީ ޓެކްނޮލޮޖީގައި އަމިއްލައަށް ކުރިއެރުން ހޯދާފައިވާ ގައުމެކެވެ. މީގެ އިތުރުން އީރާނަކީ 80 މިލިޔަންމީހުންގެ މައްޗަށް އެކުލެވޭ ތައްލީމީ އަދި މަސައްކަތްތެރި ހީވާގި އާބާދީއެއް އޮންނަ ގައުމަކަށްވާތީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މިއެއްބަސްވުމާ ގުޅިގެން އުވާލައިފިނަމަ އިރާނުގެ އާރާއިބާރު އިތުރަށް ގަދަވެ މުޅި ސަރަހައްދަށް އީރާން އަތްގަދަކޮށްފާނެ ކަމުގެ ބިރު ގަލްފުގެ ގައުމުތަކުން އިޙްސާސް ކުރެއެވެ.
އަދި މެދުއިރުމަތީ ގެ ސަރަހައްދުގައި އާރާބާރުހުރި އަރަބި ދެގައުމުކަމަށްވާ އިރާގާއި ސީރިޔާއަކީވެސް މިއަދު އީރާންގެ ބައިވެރިންކަމަށްވާތީ ސައޫދީންނާއި ގަލްފުގެ ގައުމުތަކުގެ ބިރު ވަނީ އިތުރަށް ބޮޑުވެފަ އެވެ. މިސަބަބުތަކަށްޓަކައި ނިއުކްލިޔާ އެއްބަސްވުމާ އެކު އީރާން ދަތކުރުމުގެ ފިޔަވަޅުތަކުން މިންޖުވުމުން އަސްކަރީ އަދި އިގްތިސާދީ ސަރަހައްދީ ބޮޑު ބާރަކަށް އީރާން ވެގެންދާނެކަމަށް މުޙައްލިލުން ދެކެ އެވެ.
އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން އެއްބަސްވި ނިއުކްލިޔަރ އެއްބަސްވުމަކީ އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ކޮންޓްރޯލް ކުރެވެން މިވަގުތު އޮތް ހަމައެކަނި ގޮތް ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ ސިފަކުރައްވާފަ އެވެ. އަދި މިއެއްބަސްވުމާ ދެކޮޅަށް މަސައްކަތް ނުކުރުމަށް އޮބާމާ ވަނީ ކޮންގްރެސް އަށް އިންޒާރުވެސް ކުރައްވާފަ އެވެ. އޮބާމާ ވިދާޅުވީ މިއެއްބަސްވުމަށް ހުރަސްއެޅުމުގެ ގޮތުން ކޮންގްރެސް އިން ފާސްކުރާ ކޮންމެ ގާނޫނަކާ ދެކޮޅަށް އޭނާ ވީޓޯގެ ބާރުގެ ބޭނުންކުރައްވާނެ ކަމުގަ އެވެ.
އީރާނާއި ދުނިޔޭގެ ބާރުތަކުން ސޮއިކުރި ނިއުކްލިޔަރ އެއްބަސްވުމަކީ ހުރިހާ ފަރާތަކުން ވެސް ދޫދީގެން އެއްބަސްވި އެއްބަސްވުމެކެވެ. އެހެންކަމުން ދެފަރާތުންކުރެ އެއް ފަރާތަކަށްވެސް ބޭނުންވި ހުރިހާކަމެއް މިއެއްބަސްވުމުން ޙާސިލް ކުރެވިފައެއްނުވެއެވެ. އީރާނަށް ބަލާއިރު މިއެއްބަސްވުމުގެ ދަށުން އެގައުމުގެ ނިއުކްލިޔަރ ޕްރޮގްރާމް މުޅިން ހުއްޓާލަން ނުޖެހުނު ނަމަވެސް 10 އަހަރުވަންދެން މިޕްރޮގްރާމް ގެ މަސައްކަތްތައް އދ. ގެ ބެލުމުގެ ދަށުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިގެންދާނެ އެވެ. ނަމަވެސް ނިއުކްލިޔާ މައްސަލާގައި ހުޅަނގާއި އދ. ން އީރާނާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ، މާލީ އަދި ޓެކްނޮލޮޖީގެ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް މިއެއްބަސްވުމުގެ ސަބަބުން އުވާލާނެއެވެ. އަދި ހުޅަނގުގެ ގައުމުތަކުގައި ފްރީޒްކޮށްފައިވާ އީރާނުގެ އެތަށްސަތޭކަ ބިލިޔަން ޑޮލަރެއް އަލުން އަނބުރައި އީރާނަށް ލިބުމުގެ ފުރްސަތުވެސް ތަނަވަސްވެގެންދާނެ އެވެ.
ނަތީޖާއެއްގެ ގޮތުން އީރާނަށް އިގްތިސާދީ ތަނަވަސްކަމާއި ފާގަތިކަންލިބި ބައިނަލްއަގްވާމީ ދުނިޔޭގައި މިހާރު ލިބިފައިނުވާ ބޮޑެތި އެތަށް ފުރްސަތުތަކެއް އީރާނަށް ލިބިގެންދާނެ އެވެ. ބޮޑެތި ބާރުތަކަށްބަލާ އިރު މަދުވެގެން 10 އަހަރުގެ މުއްދަތަށް އީރާނުގެ ނިއުކްލިޔާ ހަރަކާތްތައް ކޮންޓްރޯލް ކުރުމުގެ ފުރްސަތު މިއެއްބަސްވުމުގެ ސަބަބުން އެގައުމުތަކަށް ލިބިގެންދާނެ އެވެ. އަދި މިމުއްދަތުގައި އީރާނުން ނިއުކްލިޔާ ހަތިޔާރު ނުއުފައްދާނެކަމުގެ ގެރެންޓީ އާއި ޔަގީންކަން މިއެއްބަސްވުމުގެ ސަބަބުން ބޮޑެތި ބާރުތަކަށް ލިބިގެންދާނެ އެވެ. އަދި މިއާ އެކު އީރާނުގެ ތެލާއި ގުދްރަތީގޭސް ފަދަ ބޮޑެތި އިންޑަސްޓްރީތައް ތަރައްގީކުރުމުގައާއި އީރާނާއެކު ވިޔަފާރީގެ މުއާމަލާތްތައްކޮށްގެން އެތަށް ބިލިޔަން ޑޮލަރެއްގެ ފައިދާ ޙާސިލްކުރުމުގެ ފުރްސަތު ވެސް ބޮޑެތި ބާރުތަކަށް ފަހިވެގެންދާނެ އެވެ. (ނޫސްއެޖެންސީތައް)