ސަރުކާރާއި އެމްޑީޕީއާ ދެމެދު ކުރިއަށްދާ މަޝްވަރާތަކަށް އިނގިރޭސިވިލާތުން މަރުހަބާކިޔާ ކަމަށް އެ ގައުމުގެ މިނިސްޓަރު އޮފް ސްޓޭޓް، ފޮރިން އެންޑް ކޮމަންވެލްތު އޮފީސް ހޫގޯ ސްވަޔާ ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ޕާލިމެންޓްގައި ހޫގޯ އާ ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން އިއްޔެ ކުރި ސުވާލުތަކެއްގެ ޖަވާބުގައި ހޫގޯ ވިދާޅުވީ އިނގިރޭސިވިލާތުން ކުރިން ވެސް ރާއްޖޭގައި ސިޔާސީ މަޝްވަރާކުރުމަށް ގޮވާލާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދު ކުރަނީ ރާއްޖެއާ ބެހޭ ގޮތުން ހުރި ކަންބޮޑުވުންތަކަށް މަޝްވަރާތަކުގެ ސަބަބުން ކުރިއެރުން ލިބޭނެ ކަމަށް. ހަމަ އެއާ އެކު ފާހަގަކޮށްލަން ބޭނުން ބޮޑު ވަޒީރު ވަނީ ރާއްޖޭގައި ތިބި ސިޔާސީ ހުރިހާ ކުށްވެރީން، އޭގެ ތެރޭގައި ރައީސް ނަޝީދު ހިމެނޭ ގޮތަށް މިނިވަންކުރަން ގޮވާލާފައި،" ހޫގޯ ވިދާޅުވި އެވެ.

އެހެންނަމަވެސް ރާއްޖޭގެ ހާލަތާ މެދު އަދިވެސް ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ. ކޮމަންވެލްތު ޗާޓާ އާއި ރާއްޖެ އިން ޚިލާފުވެފައިވާ ކަަމަށާއި އަދި ކޮމަންވެލްތުން ރާއްޖެ އާ މެދު ފިޔަވަޅު އެޅުމުގެ ވަގުތު ޖެހިއްޖެ ނޫންތޯ މެމްބަރަކު ކުރި ސުވާލުގެ ޖަވާބުގައި ހޫގޯ ވިދާޅުވީ އިނގިރޭސިވިލާތަކީ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ މެމްބަރެއް ނޫން ކަމަށެވެ. އެހެންނަމަވެސް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އާ މަޝްވަރާކޮށްފައިވާ ކަމަށާއި ސީމެގުން ރާއްޖޭގެ ހާލަތު އަބަދު ވެސް މުރާޖާ ކުރަމުން އަންނަ ކަމަށެވެ.

ގާޒީއެއް ހައްޔަރުކުރުން

ގާޒީއެއް ހައްޔަރުކުރުމަކީ ގާނޫނީ ބޮޑު މައްސަލައެއް ކަމަށާއި އެހެންކަމުން ރައީސް ނަޝީދާ ބެހޭ ގޮތުން ގޮތެއް ނިންމުން ދޫކޮށްލަން ޖެހޭނީ ގާނޫނީ ހުކޫމަތަށް ކަމަށާއި އިނގިރޭސިވިލާތުގެ ފޮރިން ޕޮލިސީ އަކަށް ވާން ޖެހޭނީ ރާއްޖެ އާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުުރުން ނޫންތޯ ހޫގޯ އާ ސުވާލުކުރި އެވެ.

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ހޫގޯ ވިދާޅުވީ އިނގިރޭސިވިލާތުން ރާއްޖެ އާ ގުޅުން ބަދަހި ކުރަން ޖެހޭ ކަމަށާއި އަދި ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރުމަށް ވެސް މަސައްކަތް ކުރަން ޖެހޭ ކަަމަށެވެ. ނަމަވެސް ރައީސް ނަޝީދުގެ ޝަރީއަތް ކުރިއަށް ދިޔައީ ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ގާނޫނުތަކާއި އުސޫލްތަކާ ޚިލާފަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފަތުރުވެރިންނަށް ނުރައްކާ އެބައޮތްތޯ؟

ރާއްޖޭގެ ސިޔާސީ ކަންތައްތަކުގެ ސަބަބުން ޓޫރިޒަމް ހާލަތު އޮތީ ކިހިނެއްތޯ މެމްބަރަކު ސުވާލުކުރުމުން ހޫގޯ ވިދާޅުވީ އިނިގިރޭސިވިލާތުން އެންމެ ބޮޑު އިސްކަމެއްދޭ ކަމަކީ އެ ގައުމުގެ ފަތުރުވެރިންގެ ސަލާމަތްތެރިކަން ކަމަށާއި އޭގެ ތެރޭގައި ގައުމުގެ ސިޔާސީ ހަމަޖެހުން ހިމެނޭ ކަމަށެވެ. އަދި ޓްރަވަލް އެޑްވައިޒަރީ އަބަދު ވެސް މުރާޖާ ކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރާއި އެމްޑީޕީއާ ދެމެދު މަޝްވަރާތައް މިހާރު ދަނީ ކުރިއަށެވެ. އެމްޑީޕީން ވަނީ ސަރުކާރަށް ބައެއް ހުށަހެޅުންތައް ހުށަހަޅައިފަ އެވެ.