15 Jul 2015, 11:36
އަރަހުށި މާތްﷲ ކީރިތި ޤުރުއާނުގައި ވަނީ، މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ގާތް އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށް ހެޔޮކޮށް ހިތުމަށް އަމުރުކުރައްވައިފައެވެ. (އައްނިސާއު: 36)
މިނޫންވެސް އެތައް އާޔަތްތަކަކާއި، އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ޙަދީޘުފުޅު ތަކެއްގައި އަވަށްޓެރީންނަށް ހެޔޮށް ހިތުމަށްވަނީ އަމުރުކުރައްވައިފައެވެ. އެކަމުގެ އެތައް ޝަރަޙަތަކެއް ދެއްވައި، އެކަމުގައި ހުރި ދަރުމަތައް ބަޔާން ކޮށްދެއްވައިފައެވެ.
އިސްލާމްދީނުގައި އަމުރުކުރައްވައިފައިވަނީ ހުރިހާ ބާވަތެއްގެ އަވަށްޓެރީންނަށް ހެޔޮކޮށްހިތުމަށެވެ. ދުރު އަވަށްޓެރިޔަކަށް ވިޔަސް، ކައިރި އަވަށްޓެރިޔަކަށް ވިޔަސް މެއެވެ. ވަގުތީ އަވަށްޓެރިޔަކަށްވިޔަސް ދާއިމީ އަވަށްޓެރިޔަކަށްވިޔަސްމެއެވެ. ތިމާގެ ގޭގެ ވަށައިގެން ހުންނަ ގޭގޭގެ އަހްލުވެރީންކަމުގައި ވުމުގެ ސަބަބުން ނުވަތަ އެކުގައި ކިޔެވުމުގެ ސަބަބުން ނުވަތަ އެއް އޮފީހެއްގައި ނުވަތަ އެއްތަނެއް މަސައްކަތްކުރުމުގެ ސަބަބުން އަވަށްޓެރިޔަކަށްވިޔަސްމެއެވެ. އެއް އޮޑިޔެއްގައި ނުވަތަ ބޯޓެއްގައި ނުވަތަ އެއްބަހެއްގައި ދަތުރުކުރުމުގެ ސަބަބުން މުއާމަލާއެއް ކުރަންޖެހުނު މީހެއްކަމުގައިވެސް އެމީހަކު ހިމެނޭނީ އަވަށްޓެރީންގެ ޙުކުމުގައެވެ. އެމީހަކަށް ހެޔޮކޮށްހިތާން ޖެހެއެވެ. އަވަށްޓެރިކަމުގެ ޙައްޤު ދޭންޖެހެއެވެ. އެމީހަކާމެދު ކުރާ އިންސާނީ މުޢާމަލާތައް ތަހްޒީބުކޮށް، ރީތިކުރަންޖެހެއެވެ. އެއިންއެއްވެސް މީހަކަށް އެއްވެސް ސިފައެއްގައި ޝަކުވާގެ ފުރުޞަތުދިނުމަކީ އިސްލާމީ ގޮތެއްނޫނެވެ. މުސްލިމުންގެ މައްޗަށް ލާޒިމުވެގެންވަނީ ފަރުދީގޮތުންވެސް ހެޔޮއަވަށްޓެރީންކަމުގައި ވުމެވެ. ތަނަވަސް ފުޅާދާއިރާގައި މުޖްތަމަޢާއި ޤައުމާއި، ބައިނަލްއަޤްވާމީ ދާއިރާގައިވެސް ހެޔޮލަފާ، ޞުލްހަވެރި އިޚްލާޞްތެރި، ތެދުވެރި އަވަށްޓެރީންކަމުގައި ވުމެވެ.
އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރްޝާދު ދެއްވައިފައިވެއެވެ. އެފަރާތްޕުޅެއްގެ ބާރުފުޅުގެ ދަށުގައި ތިމަންކަލޭގެފާނުގެ ފުރާނަފުޅުވާ މަތިވެރި ޒާތުފުޅު ގަންދެއްވައިވިދާޅުވަމެވެ. ތިމާގެ އަމިއްލަ ނަފްސަށްޓަކައި ތިމާ ލޯބިކުރާ ކޮންމެ ކަމެއް ތިމާގެ އަވަށްޓެރިޔާއަށް (ނުވަތަ އަޚާއަށް) ވެސް ލިބުމަށް ލޯބި ނުކުރާހައި ހިނދަކު އެއްވެސް މީހަކު މުއުމިނަކަށް ނުވާނެއެވެ. އެހެން ރިވާޔަތެއްގައިވާ ގޮތުން އިތުރު ސާހިބާ އިރްޝާދު ދެއްވައިފައިވެއެވެ. އެމީހެއްގެ ނުބައިކަމުން އެމީހާގެ އަވަށްޓެރިޔާ އަމާންވެގެންނުވާ އެއްވެސް މީހަކު ސުވަރުގެ އަކަށް ނުވަންނާނެއެވެ. (ޞަޙީޙު މުސްލިމު، ޝަރަޙަނަވަވީ: 2/17)
އިތުރު ސާހިބާ ގެ އެހެން ބަސްފުޅެއްގައިވާ ގޮތުން މާތްﷲ ގެ ޙަޟުރަތުގައި އެންމެ ހެޔޮކަންބޮޑު އެކުވެރިޔަކީ އޭނާއާއެކުގައިވާ މީހާއަށް އެންމެ ހެޔޮކަން ބޮޑު އެކުވެރިޔެކެވެ. މާތްﷲ ގެ ޙަޟްރަތުގައި އެންމެ ހެޔޮކަންބޮޑު އަވަށްޓެރިޔަކީ ތިމާގެ އަވަށްޓެރިޔާއަށް އެންމެ ހެޔޮކަންބޮޑު އަވަށްޓެރިޔެކެވެ. (އައްތިރުމިޒީ) އިތުރު ސާހިބާ އަދިވެސް އިރުޝާދު ދެއްވައިފައިވެއެވެ. މާތްﷲއަށް އީމާންވާ މީހާ ތިމާގެ އަވަށްޓެރިޔާއަށް އަނިޔާވެރިނުވާހުށިކަމެވެ. (އަލްބުޚާރީ) އަދިވެސް އިރްޝާދު ދެއްވައިފައިވެއެވެ. މާތްﷲއަށް އީމާންވާ މީހާ އޭނާގެ އަވަށްޓެރިޔާއަށް ކަމޭހިތާހުށިކަމެވެ."