08 Mar 2011, 09:42
އިސްލާމްދީންނޫން އެހެން ދީނަކަށް ކިތަންމެ ކުޑަ ފުރުސަތެއް ދިން ނަމަވެސް ރާއްޖެ ހަލާކުވެ ފިތުނަ ފަސާދަ އުފެދި ލޭއޮހޮރުވުން ހިނގާނެކަމަށް ޑީއާރުޕީގެ ޒައީމު ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބުދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިސްލާވީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޑީއާރުޕީގެ ދީނީ ގޮފިން ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ، ދިވެހިންގެ ކިބައިގައި ހަމައެކަނިއޮތް ހިޔާރަކީ އިސްލާމްދީނުގައި ސާބިތުވެ ތިބުން ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަން ރައްކާތެރިކޮށް، ރާއްޖެއަކީ ފުރިހަމަ ސިޔާދަތު ލިބިފައިވާ ގައުމެއްގެ ގޮތުގައި އޮވެވޭނީ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވި އެވެ.
"ކޮންމެ ރައްޔިތަކު ވެސް ބޭނުންވާނެ ރާއްޖެއަކީ މިނިވަން ގައުމެއްގެ ގޮތުގައި އޮންނަން. ރައްޔިތުން ނުވަތަ ރައްޔިތުންގެ ތެރެއިން ބަޔަކު ނަމަވެސް އިސްލާމްދީނަށް ފުރަގަސްދީފި ނަމަ މިނިވަންކަން ގެއްލިގެންދާތަން އެއީ ތާރީހުން ފެންނަންއޮތް ހަގީގަތެއް،" ރައީސް މައުމޫނު ވިދާޅުވި އެވެ.
ރައީސް މައުމޫނު ވިދާޅުވީ، ރާއްޖެ އަށް ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ، ސައްތައިންސައްތަ މުސްލިމުންނަށް ވީތީ ސިޔާސީ ގޮތުންނާއި ފިކުރީ ގޮތުން ބޭރުގެ ބައެއް ފަރާތްތަކުން ދަތިކުރަމުންދިއުން ކަމަށެވެ. އަދި އެފަދަ ދަތިކުރުންތަކަކީ ރާއްޖޭގެ ތަރައްގީއަށް އެހީވުމަށް ކުރާ ކަމެއްނޫން ކަމަށާއި އެއީ އެމީހުންގެ އަމިއްލަ މަސްލަހަތާއި އަމިއްލަ ފައިދާއަށް ކުރަމުން އަންނަ ކަންތައްތައް ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެ މަސައްކަތުގައި ރާއްޖެ އިން އެހެންދީންތަކަށް ފުރުސަތު ހޯދުން ހިމެނޭކަމަށް ވެސް ވިދާޅުވި އެވެ.
"ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ވެސް ބޭރުގެ ބަޔަކު ރާއްޖެ އައިސް ޒުވާނުންތަކެއް ހައްލައިގެން ނަސާރާދީން ފަތުރަން މަސައްކަތްކުރި. ސަރުކާރުން ވަނީ އެކަން ހުއްޓުވައި އެމީހުން ގައުމުން ބޭރުކޮށްލައިފައި. އެއީ މިހާރު ވެސް ކުރަމުންދާ ކަމެއް އަދި ކުރިއަށް އޮތްތަނުގައި ވެސް އެމީހުން ކުރަމުންދާނެ ކަމެއް. ސަލާމަތްތެރިކަމާއި އަމާންކަމާއި ސުލްހަ މަސަލްކަމާއި ތަރައްގީ އޮތީ އިސްލާމްދީނުގައި ސާބިތުވެ ތިބެގެން. އަޅުގަނޑުމެންނަށް އޮތް ހަމައެކަނި ހިޔާރަކީ ސައްތައިންސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި އޮތުން." ރައީސް މައުމޫނު ވިދާޅުވި އެވެ.
ރައީސް މައުމޫނު ވިދާޅުވީ، ރާއްޖެއަކީ މުސްތަގިއްލު، އަމިއްލަވަންތަކަން ލިބިފައިވާ އެއް ގައުމެއްގެ ގޮތުގައި ހަދައިދިން ބާރަކީ އިސްލާމްދީން ކަމަށެވެ. އަދި ރާއްޖެ އިސްލާމްވުމަށް ފަހުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނުވަތަ އެއިންބައެއް ގެއްލިގެންދިޔަ ކޮންމެ ފަހަރަފަކު އެކަން ވެފައި ވަނީ ދިވެހިންގެ ތެރެއިން ހިޔާނާތްތެރިވި ބަޔަކު، މާތްވެގެންވާ އިސްލާމްދީނަށް ފުރަގަސްދިނުމުގެ ސަބަބުން ކަމަށް ވެސް ވިދާޅުވި އެވެ.
"އެހެންވީމަ އިސްލާމީ އަގީދާ އާއި ރާއްޖޭގެ މިނިވަންކަމާއި ފުރިހަމަ ސިޔާދަތާ އޮތް ގުޅުން ވަރަށް ރަނގަޅަށް ދޭހަވޭ. އަދި ޕޯޗްގީޒުން އެމީހުންގެ އިސްތިއުމާރީ ވެރިކަން ގިނަ ދުވަހު ދެމެހެއްޓޭތޯ ކުރި އެންމެ ބޮޑު މަސައްކަތަކީ، ރާއްޖޭގެ ރައްޔިތުން ޣައިރުދީނަށް އެނބުރުވޭތޯ ކުރި މަސައްކަތް. ރާއްޖޭގެ ރައްޔިތުން އިސްލާމްދީން ދޫކޮށްލައިފައި އެހެންދީނެއް ނުވަތަ ދީންތަކެއް ގަބޫލުކުރޭތޯ ކުރި މަސައްކަތް" ރައީސް މައުމޫނު ވިދާޅުވި އެވެ.
ރައީސް މައުމޫނު ވިދާޅުވީ، ގައުމިއްޔަތާއި ދިވެހިވަންތަ ކަމަކީ މާފަހުން ތައާރަފްވި މަފްހޫމެއް ކަމަށެވެ. އޭގެކުރިން އޮންނަނީ އިސްލާމްދީން ކަމަށާއި މުހައްމަދު ތަކުރުފާނުލް އައުޒަމް ވެސް ޖިހާދު ކުރެއްވީ ކޮންމެހެން ގައުމީ މިނިވަންކަން ހޯއްދަވައިދެއްވަންނޫން ކަމަށާއި ރާއްގޭގައި އިސްލާމްދީން ދަމަހައްޓައި ރައްޔިތުން އަނބުރާ އިސްލާމްދީނަށް ގެންނެވުމަށް ކަމަށް ވެސް ވިދާޅުވި އެވެ. ރާއްޖޭގައި އޮންނަ ހަމައެކަނި ދީނަކީ އިސްލާމްދީނަށް ހެއްދެވުމަށް މައުމޫން ގޮވައިލެއްވި އެވެ.
"މިއިން ވެސް އެނގެނީ އިސްލާމްދީންކަން ރާއްޖޭގެ މިނިވަންކަން ރައްކާތެރިކޮށް ދަމަހައްޓައިދިން އެއްޗަކީ. އަޅުގަނޑުމެންނަށް ގައުމީ ޝުއޫރު ނުވަތަ ގައުމިއްޔަތުގެ ވާހަކަ އަކީ އެޒަމާނުގެ މީހުންނަށް މާ ވިސްނިފައިވާ އެއްޗެއްނޫން. އޭރުގެ ދިވެހިން ދެކެނީ އިސްލާމްދީން. އެހެންވީމަ އެނގޭ އެއްޗަކީ ރާއްޖޭގެ އިސްލާމީ އަގީދާ އާއި އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތާމީ ވަރަށްބޮޑަށް ގުޅި ލާމެހިފައިވާ އެއްޗެއްކަން. މިދޭތި ވަކި ކުރެވޭނެ އެއްވެސް ގޮތެއްނޯންނާނެކަން." މައުމޫނު ވިދާޅުވި އެވެ.
މި ޖަލްސާގައި ރާއްޖޭގައި މިއަދު ފާހަގަކުރަމުންމިދާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ އެންމެނަށް މައުމޫން ތަހުނިޔާ ވިދާޅުވި އެވެ.
މި ޖަލްސާގައި ޑީއާރުޕީގެ ދީނީ ގޮފީގެ ރައީސް ޑރ. އަފްރާޝީމް އަލީ ވެސް ވާހަކަ ދެއްކެވިއެވެ.