15 Jul 2015, 11:05
ފ. ނިލަންދޫ ކައުންސިލު އިދާރާގެ ތިޖޫރި ފަޅާލައި 500،000 ރުފިޔާ ވަގަށް ނެގި މައްސަލާގައި އަދި ވެސް މީހަކު ހައްޔަރުކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ އެ މައްސަލާގައި އަދި މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ހަދަން ޖެހޭ ފޮރެންސިކް ތަހުލީލުތައް ވެސް ހަދަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނިލަންދޫ ކައުންސިލު އިދާރާގެ ތިޖޫރި ފަޅާލައި އޭގައި ހުރި ފައިސާ ވަގަށް ނަގާފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކަމަށް ކައުންސިލުގެ ރައީސް އަހުމަދު އަލީ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
އަހުމަދު ވިދާޅުވީ ތިޖޫރީގައި ގިނަ އަދަދެއްގެ ފައިސާ ހުންނާނެ ކަމަށެވެ. އެހެންނަމަވެސް "ސީދާ އެމައުންޓް" ވިދާޅުވުމަށް ދަތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސީދާ އެމައުންޓް ދަންނަވަން ދަތި. ސީދާ އެމައުންޓް ބުނެލަން އެނގޭނީ ހިސާބު ކިތާބުތައް ބަލާލާފައި. އެކަން ކުރިބައެއް އަދިވެސް ނޭނގޭ. އެހެނެއް ވަކި ޝައްކު ކުރެވޭ މީހަކު ވެސް ނެތް." އަހުމަދު ވިދާޅުވި އެވެ.