15 Jul 2015, 10:35
ފުވައްމުލަކުގައި ކުޑަ ދެ ކުދިން ލައްވައި ހަށިވިއްކުވި މައްސަލާގައި އެހެން ރަށްރަށު މީހުން ހިމެނޭ އިރު އެކަމާ ގުޅިގެން ތުހުމަތު ކުރެވޭ ހަތަރު މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.
އެ ހަތަރު މީހުންނާ އެކު އެ މައްސަލައާ ގުޅިގެން ޖުމުލަ 20 މީހަކު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން" އަށް މިއަދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން އިއްޔެ ހަވީރާއި އިރާކޮޅު ބަޔަކު މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެ މައްސަލާގައި އިއްޔެ ހައްޔަރުކުރި ހަތަރު މީހުންނަކީ 24 އަހަރުގެ އަންހެނަކާއި 18 އަހަރާއި 21 އަހަރާއި 28 އަހަރުގެ ފިރިހެނުން ކަމަށެވެ.
ފުލުހުން ބުނީ ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ފުވައްމުލަކަށް ނިސްބަތްވާ މީހުންގެ އިތުރުން އެހެން ބައެއް ރަށްރަށުގެ މީހުން ވެސް ތިބިކަން ތަހުގީގުން މިހާތަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ އެ މައްސަލާގައި ޖިންސީ ޝިކާރައަކަށްވެފައިވާ ދެ ކުދިންގެ ތަހުގީގްތަކަށް ބަލާ އިރު އެއްވެސް ކުއްޖަކު ބަނޑުބޮޑު ނޫން ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މިކަމެއް ހިންގާތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. ތުހުމަތު ކުރެވޭ ގޮތުގައި މިކަމެއް ހިންގަނީ ވިޔަފާރިވެރިން އިސްވެ ތިބެ އެވެ. އެ ކުދިނާ ބަދުއަހުލާގީ އަމަލު ގިނައިން ހިންގަނީ އެ ރަށު މިސްކިތްމަގުގައި ހުންނަ ގެސްޓް ހައުސް އެއްގަ އެވެ. އެކިރޭ އެކި މީހުންނެވެ.