15 Jul 2015, 01:31
އދ.ގެ ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް އޮފީސް (އޯއެޗްސީއެޗްއާރު)ގެ ރޫލް އޮފް ލޯ ޑިވިޝަންގެ ޓީމެއް ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ޓީމަކާ ބައްދަލުކޮށް ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅުންހުރި ބައެއް ކަންކަމުގައި މަޝްވަރާކޮށްފިއެވެ.
އަންގާރަ ދުވަހު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި އެ ބައްދަލުވުމުގައި އޯއެޗްސީއެޗްއާރުގެ ރޫލް އޮފް ލޯ ޑިވިޝަންގެ ވެރިޔާ މޯނާ ރިޝްވާމީއާއި ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު މުހައްމަދު ބައިވެރިވެވަޑައިގަތެވެ.
ފޮރިން މިނިސްޓްރީން ބުނީ، އެ ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަހް މިހާރު އޮތް ހާލަތު އޯއެޗްސީއެޗްއާރު ޓީމުގެ ބޭފުޅުންނަށް ސާފުކޮށްދީފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނު ނަގަހައްޓައި، ދައުލަތުގެ ބާރުތައް ގާނޫނާ އެއްގޮތަށް މަސައްކަތްކުރަމުންދާނޭ ކަމުގެ ޔަގީންކަން އެޓީމަށް އަރުވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހްގައި ހުރި ކަންބޮޑުވުންތައް ނައްތާލުމަށް ސިޔާސީ ޕާޓީތަކާއެކު ސަރުކާރުން މިހާރު ކުރިއަށް ގެންދާ މަޝްވަރާތަކުގެ މައުލޫމާތުވެސް ފޮރިން ސެކްރެޓަރީ ވަނީ، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރުގެ އޮފީހުގެ ޓީމާ ހިއްސާކުރައްވައިފައެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގައި ކުރިއަށް އޮތްތަނުގައި ވެސް، ދިވެހި ސަރުކާރުން އޯއެޗްސީއެޗްއާރު އާއި އަދި އެނޫންވެސް ބައިނަލްއަގްވާމީ އެފަދަ ފަރާތްތަކާއެކު ގާތްގުޅުމެއް ބޭއްވުމުގެ މުހިއްމު ކަމާބެހޭ ގޮތުންވެސް ފޮރިން ސެކްރެޓަރީ މަޝްވަރާކުރެއްވި ކަމަށް ފޮރިން މިސްޓްރީން ބުންޏެވެ.
އޯއެޗްސީއެޗްއާރުގެ ޓީމުންވަނީ ޓެރަރިޒަމްގެ ކުށް ސާބިތުގެ 13 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރަމުން އަންނަ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާ ވެސް އަންގާރަ ދުވަހު ބައްދަލުކުރައްވައިފައެވެ.
"ސަރުކާރުން ވާނީ، އޯއެޗްސީއެޗްއާރު ޓީމަށް ކުރީގެ ރައީސް މުހައްމަދު ނަޝިދުގެ ގެކޮޅުގައި އެމަނިކުފާނާ ބައްދަލުވެވޭނޭގޮތް ފަހިކޮށްދީފައި،" ފޮރިން މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ވެއެވެ.
ސަރުކާރާއި އަދި ކުރީގެ ރައީސް ނަޝީދާއެކު، އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޝަނަރުގެ އޮފީހުގެ ޓީމަކުން ބައްދަލުކޮށްފައި ވާއިރު، ރައީސް ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ ވަނީ، މިދިޔަ ހަފްތާގެ ބުދަ ދުވަހު، އދ.ގެ ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް ޒައިދް ރަޢާދް އަލް ހުސެއިން އާ ބައްދަލުކުރައްވައިފައެވެ.
ޖެނީވާގައި ހުންނަ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރުގެ އޮފީހުގައި ބުދަ އޮތް އެބައްދަލުވުމުގައި ލައިލާ ވަނީ، ދިވެހިރާއްޖޭގައި އިންސާނީ ހައްގުތައް ހީނަރުވަމުން އަންނަ ކަމަށާއި ބޭއިންސާފުން ޝަރީއަތް ހިންގައި އެތައް ސަތޭކަ ރައްޔިތުންގެ މައްޗަށް ނުހައްގުން ދައުވާކޮށް ސިޔާސީ މަގްސަދުގައި ހުކުމްތައް ކުރަމުން ގެންދާކަމަށް ވިދާޅުވެފައެވެ.