15 Jul 2015, 00:25
ދިވެހި ޕްރިމިއަ ލީގުގައި މިހާރު ވާދަކުރަމުން އަންނަ ކްލަބް ވެލެންސިއާއަށް ދެން އެންމެ ރަނގަޅުވާނީ، ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވުން ކަމަށް، އެ ކްލަބްގެ ކޯޗު މުހައްމަދު އިގްބާލް ބުނެފި އެވެ.
ލީގުގައި މިރޭ ބީޖީ ސްޕޯޓްސް އަތުން 3-1 ލަނޑުން ވެލެންސިއާ ބަލިވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އިގްބާލް ބުނީ، ވެލެންސިއާގެ ހާލަތު އެ ކްލަބްގެ ސަޕޯޓަރުންނަށް އެނގޭ ކަމަށާއި، އެހެންކަމުން މިގޮތަށް ލީގުގެ ފުލުގައި ކޮންމެ ސީޒަނެއްގައި ކްލަބް އޮންނަން ޖެހުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.
"ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވީމަ ކަންނޭންގެ ވެލެންސިއާ ވެލެންސިއާ ގޮތުގައި ނިކުންނާނީ. އަހަންނަށް ހީވަނީ ރެލިގޭޓް ވީމަ ވެލެންސިއާ ވެލެންސިއާއަކަށް ވެދާނެހެން،" އިޤްބާލް ބުންޏެވެ.
އިޤްބާލް ބުނީ، ވޭތުވެދިޔަ ހަތަރު އަހަރުތެރޭ ގަދަ ހައެއްގެ ތެރޭގައި އޮތުމަށް ބުރަ މަސައްކަތެއް ކުރަންޖެހުނު ކަމަށާއި މިގޮތަށް ކޮންމެ އަހަރަކު ދިއުމަށްވުރެ އެއްއަހަރު ދެވަނަ ޑިވިޝަންގައި ކުޅެފައި އައުން ރަނގަޅުވާނެ ކަމަށެވެ.
އޭނާ ބުނީ، ވެލެންސިއާގެ އިސްބޭފުޅުންގެ ތެރޭގައި ހަމަ އެކަނި ފަސްޓް ޑިވިޝަންގައި ކްލަބް އޮތުމަށް ބޭނުންވާ ބޭފުޅުން އެބަތިބިކަމަށާއި ވެލެންސިއާ މިއޮތް ހާލަތު ނޭނގޭ ސަޕޯޓަރަކު ނުހުންނާނެ ކަމަށެވެ.
އިގްބާލް ބުނީ ވެލެންސިއާގައި ނޭނގޭ މައްސަލަތަކެއް އެބަ ހިނގާ ކަމަށާއި ވަރަށް ރަނގަޅަށް ކުޅެފައިވެސް "އެޅޭ ޅަ އެއްޗަކުން މުޅި މެޗުން ބަލިވެދާނެ" ކަމަށެވެ. އެހެންކަމުން ވެލެންސިއާއަށް މިވާގޮތް ކޯޗިން ސްޓަފުންނާއި މެނޭޖުމެންޓާއި ކުޅުންތެރިންނާއެކު ބައްދަލުކޮށް ޓީމަށް މިވާގޮތް ދެނެގަނެ އޮޅުން ފިލުވަން ޖެހޭކަމަށެވެ.