14 Jul 2015, 22:00
މައިލޯ ވެޓަރަންސް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ވެލެންސިއާއި ސޮކަވެޓަރަންސް ދަތަރުކޮށްފި އެވެ.
ވެލެންސިއާ ފައިނަލަށް ދަތުރު ކުރީ ކުޅިވަރު އެކުވެނީގެ ޓާފު ދަނޑު އެކެއްގައި މިއަދު ހަވީރު މާލޭ ވެޓަރަންސްއާ ދެކޮޅަށް ކުޅުނު މެޗް 5-1 ގެ ނަތިޖާއަކުން ކާމިޔާބުކޮށްގެންނެވެ.
ވެލެންސިއާގެ ފުރަތަމަ ލަނޑު މެޗްގެ ނުވަ ވަނަ މިނެޓްގައި ކާމިޔާބު ކުރީ އެޓީމްގެ ކުރީގެ ކެޕްޓަން އަދި ގައުމީ ޓީމްގެ އެސިސްޓެންޓް ކޯޗް އައްސަދު ޢަބްދުލް ޣަނީއެވެ.
އައްސަދު ލަނޑު ކާމިޔާބު ކުރިތާ ހަތަރު މިނެޓް ފަހުން އަހްމަދު ނަސީމް ވަނީ ވެލެންސިއާގެ ދެ ވަނަ ލަނޑު ކަމިޔާބުކޮށްފައެވެ.
ވެލެންސިއާގެ ތިން ވަނަ ލަނޑު އިސްމާޢީލް އަނިލް ކާމިޔަބު ކުރީ މެޗްގެ 24 ވަނަ މިނެޓްގައެވެ.
މާލޭ ވެޓަރަންސްގެ ހަމައެކަނި ލަނޑު އަޙްމަދު ޝާކިރު ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓް ތެރޭގައެވެ.
ވެލެންސިއާގެ ހަތަރު ވަނަ ލަނޑު ޢަލީ ރަޝީދު ކާމިޔާބު ކުރީ ދެވަނަ ހާފު ފެށިގެން ނުވަ ވަނަ މިނެޓްގައެވެ.
ވެލެންސިއާގެ ފަސް ވަނަ ލަނޑު ދެ ވަނަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކުރީ މުހްތާރު ނަޞީރު (ޓޫކިލޯ) އެވެ.
އެއް ވަގުތެއްގައި ސެމީފައިނަލް ދެމެޗްވެސް ކުޅުނުއިރު ސޮކަވެޓަރަންސް ފައިނަލަށް ދަތުރުކުރީ ކުޅިވަރު އެކުވެނީގެ ޓާފު ދަނޑުގައި ކުޅުނު މެޗްގައި 3-1 ގެ ނަތީޖާއަކުން ބީޖީ ބަލިކުރުމަށް ފަހުގައެވެ.
މެޗްގައި ސޮކަވެޓަރަންސްގެ ފުރަތަމަ ލަނޑު ޢަލީ ޝަމީމް (ކޮޔަރު އައްޔަ) ކާމިޔާބު ކުރީ މެޗްގެ ހަތް ވަނަ މިނެޓްގައެވެ.
އެޓީމްގެ ދެ ވަނަ ލަނޑު މެޗްގެ 12 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ތޮއްޑޫ މުޙައްމަދު ނިޒާމެވެ.
އެލަނޑު ކާމިޔާބު ކުރިތާ ތިން މިނެޓްފަހުން ބީޖީ އިބްރާހިމް ހަލީމް ވަނީ ލަނޑެއް ކާމިޔާބުކޮށް ބީޖީއަށް ނަތީޖާ ފަރަގު ކުޑަކޮށްދީފައެވެ.
ނަމަވެސް މެޗްގެ 54 ވަނަ މިނެޓްގައި މުޙައްމަދު ސުޖާއު ވަނީ ސޮކަވެޓަރަންސްއަށް އިތުރު ލަނޑެއް ކާމިޔަބުކޮށް ނަތީޖާ ފުޅާކޮށްދީފައެވެ.
ވެލެންސިއާއި ސޮކަވެޓަރަންސް ބައްދަލު ކުރާ ފައިނަލް މެޗް އޮންނާނީ ބުރާސްފަތި ދުވަހުއެވެ.
މިމުބާރަތުގައި މިދެޓީމް ކުޅުނު މެޗް 4-2 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ވެލެންސިއާއެވެ.