08 Mar 2011, 09:25
ރާއްޖެ އިން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގައި ރާއްޖެ އިން އިސްތިސްނާ ހުށަހަޅާފައިވާ ބައެއް ކަންތައްތައް އަނބުރާ ނެގުމަށް ބައިނަލްއަގްވާމީ ބައެއް ފަރާތްތަކުން ފިއްތުންތައް ކުރިމަތި ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ރޭ ވިދާޅުވެއްޖެ އެވެ.
އަދާލަތު ޕާޓީން ރޭ ދަރުބާރުގޭގައި ބޭއްވި އާންމު ބައްދަލުވުމެއްގައި ޑރ. މަޖީދް ރާއްޖެ ބައިވެރިވެފައިވާ ބައެއް މުއާހަދާތަކުގައި އިސްތިސްނާކޮށްފައިވާ ބައެއް މާއްދާތަކުން އެ ރިޒަވޭޝަންތައް ނެގުމަށް މިހާރަކަށް އައިސް ބޭރުގެ ބައެއް ފަރާތްތަކުން ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތި ކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ ކޮންމެ ގައުމަކަށް ވެސް އެ ގައުމެއްގެ ސަގާފަތާއި ދީނާ ނުގުޅޭ މާއްދާތަކަށް އިންކާރު ކުރުމުގެ އިހުތިޔާރު އޮންނާނެ ކަމަށާއި އެކަމަށް އެއްވެސް ފަރާތަކަށް މަޖުބޫރެއް ނުކުރެވޭނެ ކަމަށެވެ.
"އިސްލާމްދީނަށް ލޯބި ޖެއްސުމަށާއި އިސްލާމީ ނިޒާމުގެ ތެރެއިން ކުދިންނަށް ތައުލީމު ދޭންޖެހޭކަން ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި ބުނެފައި މިވަނީ. މިހެން އޮއްވައި އަޅުގަނޑުމެންނަށް ބައިނަލްއަގްވާމީ މުއާހަދާއެއްގައި އަޅުގަނޑުމެން ސޮއިކޮށްފައި ވިޔަސް އެ ގޮތަކަށް އަމަލު ކުރާކަށް ނުޖެހޭ،" މަޖީދް ވިދާޅުވި އެވެ.
އަނބުރާ ގެންދިޔުމަށް އެންމެ ބޮޑަށް ބާރު އަޅާ މުއާހަދާތަކުގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ ކޮންވެންޝަން އޮން ދަ ރައިޓްސް ޗައިލްޑްސް (ސީއާރުސީ) އާއި އަންހެނުންގެ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ (ސީޑޯ) އެވެ. އަދި ސީއާރުސީގެ 14 ވަނަ މާއްދާގައި ބޭނުން ދީނެއް އިހުތިޔާރުކުމުގެ މިނިވަންކަން ލިބިދީފައިވާ ކަމަށާއި އެ މާއްދާ އަށް ރާއްޖެ އިން ރިޒަވޭޝަން ހުށަހަޅާފައިވާ ކަމަށާއި އަދި ސީޑޯގެ 16 ވަނަ މާއްދާ، އާއިލާ ބިނާ ކުރުމާއި ވަރިކުރުމުގެ ހައްގު ފިރިހެނުންނެކޭ އެއްގޮތަށް އަންހެނުންނަށް ވެސް ދޭން ޖެހޭނެ ކަމަށް ބުނާ އެ މާއްދާއަށް ވެސް ރާއްޖެ އިން ހުށަހަޅާފައިވާ އިސްތިސްނާތައް އަނބުރާ ގެންދިޔުމަށް މިހާރު ފިއްތުންތައް ކުރިމަތިކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް މިނިސްޓަރު ވިދާޅުވީ އެ މާއްދާތަކަށް އަމަލުކުރުމަށް ރާއްޖޭގެ ގާނޫނީ އަސާސީ ތަން ނުދޭކަމަށެވެ.
"އަޅުގަނޑުމެންގެ ގައުމުން ރިޒަވޭޝަންތަކެއް ހުށަހަޅާފައި ވަނީ، އަޅުގަނޑުމެންގެ ގާނޫނުތަކާއި ގަވާއިދުތައް ތަން ނުދޭތީ،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތް ކުރުމަކީ އެންމެންގެ ޒިންމާއެއްކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވަނީ ސަރުކާރުންނާއި ރައްޔިތުންގެ މަޖިލީހުން އަދި ފަނޑިޔާރުން މިކަމުގައި މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.
ސަރުކާރުގެ ބައެއް ދީނީ ސިޔާސަތުތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން މަގާމުން އިސްތިއުފާދެއްވި ކުރީގެ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ ބައިނަލްއަގުވާމީ މުއާހަދާތަކަށް ރާއްޖެ އިން ހުށަހަޅާފައިވާ އިސްތިސްނާތަށް އަނބުރާ ނުނެގުމަށް ސަރުކާރަށް ގޮވައިލައިފަ އެވެ. އަދި ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފު މާއްދާތަކަށް އިސްތިސްނާ ހުށަހެޅުމަކީ ދިވެހި ރާއްޖޭގެ ހައްގެއް ކަމަށެވެ.
"ޔޫއެންގެ މުއާހަދާތަކާއި ޔޫއެންގެ އަސާސީ ގަވާއިދު އެބަ ތަންދޭ އެ ގައުމުތަކުން އެ ގައުމުތަކުގެ އަގީދާއާ ފުށުއަރާ ކަންތައްތަކެއްގެ އިސްތިސްނާ ހެދިދާނެ ކަމަށް. އެހެންވީމަ އަޅުގަނޑުމެންނަށް އޮތް ހައްގެއް އިސްތިސްނާ ހެދުމަކީ. އެހެންވީމަ އިސްލާމްދީނާ ފުށުއަރާ ގޮތައް ހުރި ކަންތައްތަކަށް ހެދިފައި ހުރި ރިޒަވޭޝަންސްތައް ނަގައިގެން ނުވާނެ." ޝަހީމް ވިދާޅުވި އެވެ.