14 Jul 2015, 21:49
މާދަމާ ހެނދުނު މިއަހަރުގެ ފިތުރު ޒަކާތް ބަހަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މިއަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ހޯދުމަށް މާލޭސިޓީގައި ފަޤީރުންގެ ގޮތުގައި ނަން ނޯޓުކޮށްފައިވާ ފަރާތްތަކަށް ޒަކާތް ބެހުމުގެ މަސައްކަތް ބުދަ ދުވަހާއި ބުރާސްފަތި ދުވަހުގެ 10:30 އިން ފެށިގެން ކުރިއަށް ގެންދާނޭ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ މާލޭގެ ފަރާތްތަކަށް ފައިސާ ދޫކުރާނީ އިސްލާމީ މަރުކަޒުން ކަމަށެވެ. އަދި ހުޅުމާލެއާއި ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ޒަކާތް ދޫ ކުރާނީ އަވަށު އޮފީހުން ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.
އަތޮޅު ތެރޭގެ ރައްޔިތުންނަށް ފައިސާ ދޫކުރާނީ އެމީހަކު ނަން ނޯޓުކޮށްފައިވާ ކައުންސިލްގެ އިދާރާއަކުންނެވެ. ބަދަލުގައި އެހެން މީހަކު ފޮނުވާނަމަ އެމީހާއާއި ޒަކާތް ލިބޭ މީހާގެ އައިޑީ ކާޑު ގެންނަން ޖެހޭނޭ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.
ފަޤީރެއްގެ ގޮތުގައި ނަން ނޯޓުކޮށްފައިވާ ފަރާތުގެ ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، ފަޤީރުންގެ ލިސްޓުގައި ރަޖިސްޓަރީވެފައިވާ ފަރާތުގެ އައިޑީކާޑާއި ހަވާލުވާ ފަރާތުގެ އައިޑީކާޑު ގެނައުމުން އެފަރާތުގެ ފައިސާ ދޫކުރެވޭނެ އެވެ.އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީން ބުނީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ނުގެން ގޮސްފި ނަމަ ފަހުން ފައިސާ ދޫކުރާގޮތަށް ހަމަޖެހިފައި ނުވާ ކަމަށެވެ.
ޒަކާތް ދައްކަން ޖެހޭ މިންވަރު:
- އާދައިގެ ހަނޑޫ ނަމަ މީހަކަށް 12 ރުފިޔާ.
- ތައިލެންޑް ހަނޑޫ ނަަމަ މީހަކަށް 50 ރުފިޔާ.
- ބާސްމަތީ ހަނޑޫ ނަމަަ 75 ރުފިޔާ.
މާދަމާ ޒަކާތް ބަހަން ފެށި ނަމަވެސް ޒަކާތް ބަލައިގަތުމުގެ މުއްދަތު ވަނީ، އަންނަ ބުރާސްފަތި ދުވަހާ ހަމައަށް އިތުރުކޮށްފައެވެ.