ކަނޑަށް ވެއްޓިފައިވާ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީޕްލޭން އެއްކޮށް ކަނޑުން ނަގައިފިއެވެ.

އެމްއެންޑީއެފްގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ސިވިލް އޭވިއޭޝަންގެ އިރުޝާދުގެ ދަށުން އެމްއެންޑީއެފްގެ ކޯސްޓްގާޑުން މިއަދު ފުލައިޓު އެއްކޮށް ފެނުންމައްޗަށް ނަގާފައިވާ ކަމަށެވެ. މިހާރު އެބޯޓު އެހެންތަނަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

"މިހާރު ކޮޅުވެއްޓިއަކަށް ލައިގެން ދަތުރުކުރަމުން ދަނީ، ދަތުރުކުރާ ވަކި ތަނެއް ނޭންގެ،" އެމްއެންޑިއެފްގެ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބޯޓު ކަނޑުއަޑިން ނެގިއިރު ބޯޓުގެ އެއްފިޔަ ބިންދައިގެންގޮސްފައިވާ ކަމަށެވެ.

ސިވިލްއޭވިއޭޝަން އޮތޯރިޓީން ބުނީ އެ އެކްސިޑެންޓުގެ ތަހުގީގަށް ބޭނުންވާ ހެކިތައް އެ އޮތޯރިޓީން ބޭނުންވާވަރަށް ނަގައި ނިމެންދެން ފުލައިޓުގެ ހުރިހާތަކެތި ހުންނާނީ ތަހުގީގު ކޮމެޓީގެ ބެލުމުގެ ދަށުގައި ކަމަށެވެ.

ޓީއެމްއޭގެ ބޯޓު ވެއްޓެން ދިމާވި މައްސަލަ ސިފައިންނާއި ފުލުހުންގެ އެހީގައި ސިވިލް އޭވިއޭޝަނުން ތަހުގީގް ކުރަމުންދާއިރު މިހާތަނަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު އެ ބޯޓު ވެއްޓެން ދިމާވި ސަބަބެއް ދެންނެވެން ނެތް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މިމަހު ދޭއް ވީ ބުރާސްފަތި ދުވަހުގެ ހަވީރު 5:30 ގައި ހިނގި އެ ހާދިސާގައި ޅ. ކުރެއްދޫ ރިސޯޓު ކައިރިއަށް ބޯޓް ކަނޑަށް ވެއްޓުނު ނަމަވެސް އޭގައިތިބި 11 ފަސިންޖަރުންނާއި ތިން ކުރޫއިން ވަނީ ސަލާމަތް ކޮށްފައެވެ. އެހެން ނަމަވެސް ބޯޓުގެ ދެ ކަނދު ފިޔަވައި އެހެން ބައިތައް ވަނީ އަޑިއަށް ގޮސްފައެވެ.