މަޖިލީސް ޖަލްސާތައް މެދުކަނޑާލާފައިވީނަމަވެސް މިނިވަން ދުވަހުގެ ކުރިން ޖަލްސާއެއް ބާއްވައި ނައިބު ރައީސް ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް އައްޔަން ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މިހާރު މަޖިލިސް ޖަލްސާތައް މެދުކަނޑާލާފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.

ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް 61 މެމްބަރުންގެ ސޮޔާއެކު ހުށައެޅުއްވި މެމްބަރު ޝުޖާއު މިއަދު ސަން އަށް ވިދާޅުވީ ޕީޕީއެމް އިން ބޭނުންވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން އަދީބު ނައިބު ރައީސް ކަމަށް އައްޔަން ކުރަން ކަމަށެވެ.

"މިހާރު ޖަލްސާތައް މެދުކަނޑާލާފައި ވީނަމަވެސް އެޓާގެޓަށް [ޖުލައި 26] އަށް ދާނެ ކަމަށް މިގަބޫލު ކުރަނީ. އަޅުގަނޑުމެން ބޭނުންވަނީ ޖުލައި 26ގެ ކުރިން މިކަން ހިނގައި ނިމެން،" ޝުޖާއު ވިދާޅުވިއެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ އަމާޒަކީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރޭ ދުވަހު "ޖުލައި 26"ގެ ކުރިން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބްދުލްޣަފޫރު ރާއްޖޭގެ ނައިބު ރައީސް ކަމަށް ގެނައުން ކަމަށް ޝުޖާއު ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.

ނައިބު ރައީސްގެ އިތުބާރުނެތް މައްސަލައާއި ގުޅިގެން އެމަނިކުފާނަށް ދެއްވި ނޯޓިސްގެ މުއްދަތު އިއްޔެގެ ނިޔަލަށް ވަނީ ހަމަވެފައެވެ. ނަމަވެސް އެމައްސަލަ އަދި ވަކި ދުވަހަކަށް އެޖެންޑާއެއް ނުކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސްގެ ނާއިބުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހުން ފާސް ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ބޭނުންވާނެ ކަމަށް ގާނޫނު އަސާސީގައިބުނެ އެވެ. އެއީ 57 މެމްބަރުންނެވެ.

މިހާރު މަޖިލީހުން ވަނީ އިތުބާރު ނެތް ކަމުގެ މައްސަލައެއް ނައިބު ރައީސްގެ މައްޗަށް ހުށަހަޅައިފި ނަމަ، އެ މަގާމުގައި ހުންނެވި ބޭފުޅަކު މަޖިލީހަށް ޖަވާބު ދާރީވެވަޑައި ނުގެންނެވިޔަސް، އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލީހުން ފާސް ކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނެސްފައެވެ.

ނާއިބު ރައީސް މަގާމުން ވަކިކުރަން ސަރުކާރަށް ނިސްބަތްވާ މެމްބަރުން މަޖިލީހަށް ގަރާރެއް ހުށައަޅާފައިވާއިރު ނާއިބު ރައީސް މިވަގުތު ހުންނެވީ ލަންޑަންގައެވެ. އެމަނިކުފާން ނިންމާފައިވަނީ އެމައްސަލައަށް ލިޔުމުން ޖަވާބްދާރީ ވުމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ މިއަދު ސަން އަށް ވިދާޅުވީ ވަކި ބޭފުޅަކު ނައިބް ރައީސް ކަމަށް ގެނައުމަށް ރައީސް ޔާމީންގެ ވިސްނުން ފުޅުގައި އަދި ނެތް ކަމަށެވެ.

އެހެން ކަމުން ނައިބް ރައީސް ޖަމީލް ވަކިކުރެއްވުމަށް ވެސް އަދި އެމަގާމަށް އެހެން ބޭފުޅަކު ގެނައުމަށް ވެސް ރައީސް ޔާމީންގެ ދައުރެއް މިހާތަނަށް ނެތް ކަމަށް މުއާޒު ވިދާޅުވި އެވެ.

ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެމަގާމުން ވަކި ކުރެއްވުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައި އަދި އެމަގާމަށް ޓޫރިޒަމް މިނިސްޓަރު އަދީބް ގެނައުމަށް އަންނަނީ ކެމްޕެއިން ހިންގަމުންނެވެ.