14 Jul 2015, 16:50
ގއ. ކޮލަމާފުށީގައި އައިސްޕްލާންޓެއް ގާއިމުކުރުމަށް ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި މިފްކޯ އާއި ކޮލަމަފުށީ ކައުންސިލާ ދެމެދު ސޮއިކޮށްފިއެވެ.
ފަންސަވީސް މެޓްރިކް ޓަނުގެ އައިސްޕްލާންޓް ގާއިމުކުރުމުގެ އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދުލީ އިސްމާއިލާއި ކޮލަމާފުށީ ކައުންސިލްގެ ރައީސް އަހުމަދު ޖަމީލެވެ.
ކޮލަމާފުށީގައި އައިސްޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ތިިން މަސްދުވަސްތެރޭ ނިންމާނެ ކަމަށް މިފްކޯ އިން ބުންޏެވެ.
"ކޮލަމާފުށީގައި އަޅުގަނޑުމެންނަށް މި ލިބެނީ އިމާރާތަކާވެސް އެއްކޮށް. އިރާދަ ކުރެއްވިއްޔާ ރަމަޟާން މަސް ނިމުމާއެއްކޮށް މަސައްކަތް ފެށިގެންދާނެ،" އަދުލީ ވިދާޅުވިއެވެ.
އަދުލީ ވިދާޅުވީ މިފްކޯ އިން އައިސްޕްލާންޓުތައް ގާއިމްކުރަނީ ދިވެހި މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ބެހެއްޓުމާއި މަހަށް ރަނގަޅު އަގު ހޯދައިދިނުމުގެ މަގުސަދުގައި ކުރާ ކަމެއް ކަމަށެވެ.
ސަރުކާރުގެ ވެސް އަދި މިފްކޯގެ ވެސް އަމާޒަކީ މިފްކޯ އަށް ގެއްލުން ވިޔަސް އަދި ފައިދާ ވިޔަސް މަސްވެރިންނަށް ރަނގަޅު އަގު ދިނުން ކަމަށް އަދުލީ ވިދާޅުވިއެވެ.
ކޮލަމާފުށީގެ ކައުންސިލްގެ ރައީސް ޖަމީލު ވިދާޅުވީ އެރަށުގައި އައިސްޕްލާންޓެއް ހުރުމަކީ މަސްވެރިންގެ ހުވަފެނެއް ކަަމަށެވެ. އައިސްޕްލާންޓްގެ ސަބަބުން ރަށަށް އިގްތިސާދީ ފުރުސަތުތައް ހުޅުވޭނެ ކަަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.

ގއ. ކޮލަމާފުށީގައި އައިސްޕްލާންޓެއް ގާއިމުކުރުމަށް ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ: ފަޔާޒު މޫސާ
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވީ އެ އައިސްޕްލާންޓްގެ ސަބަބުން ކޮލަމާފުއްޓެކޭ އެއްފަދައިން ގއ. އަތޮޅުގެ އެހެންރަށްތަކުގެ މަސްވެރިން ބާނާ މަހަށް ވެސް ރަނގަޅު އަގެއް ލިބުމަށް ބާރަކަށް ވާނެ ކަަމަށެވެ.
"މިއީ ވަަރަށް ކާމިޔާބު މަސައްކަތްތަކެއްގެ ފެށުމެއް އިރާދަކުރެއްވިއްޔާ މީގެ ނަތީޖާ ދޮޅު އަހަރެއްހާ ދުވަސްތެރޭ ފެނިގެންދާނެ،" ސައުދު ވިދާޅުވިއެވެ.
ރާއްޖޭގެ ހަތް ސަރަހެއްދެއްގައި އައިސްޕްލާންޓް ގާއިމުކުރުމުގެ ގޮތުން 18 މިލިއަން ރުފިޔާގެ މަޝްރޫއެއް މިފްކޯއިން ދަނީ ކުރިއަށް ގެންދަމުންނެވެ. އޭގެތެރެއިން 15 މިލިއަން ރުފިޔާ އަކީ ފަސް އަހަރުތެރޭ ދައްކާ ގޮތަށް މިފްކޯ އަށް ސަރުކާރުން ދީފައިވާ ލޯނެކެވެ.