14 Jul 2015, 15:59
މިހާރު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައިވާ ދިވެހިރާއްޖޭގެ ކުޅިވަރުގެ ބިލް ގާނޫނަކަށް ވުމުން ޔޫތު މިނިސްޓްރީ ވެގެންދާނީ ކުޅިވަރުގެ ރެގިއުލޭޝަން ބޮޑީއަކަށް ކަމަށް ޔުތު މިނިސްޓަރު އަހްމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.
މިއަދު ޔޫތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަން އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ޒުހޫރު ވިދާޅުވީ ކުޅިވަރުގެ ގާނޫނެއް ވޫޖޫދަށް އައުމުން ޔޫތު މިނިސްޓްރީ ރެގިއުލޭޝަން ބޮޑީއަކަށް ބަދަލުވެ، ސްޕޯޓްސް ކޯޕަރޭޝަނެއް އުފެދިގެންދާނެ ކަމަށެވެ.
"ސްޕޯޓްސް ކޯޕަރޭޝަން އުފައްދަނީވެސް ކުޅިވަރުގެ ކަންކަން ހަރުދަނާ ކުރުމަށްޓަކައި. އެއީ މިނިސްޓްރީއަކަށް ހުރިހާ ކަމެއް ޑޭޓްޑޭ ނުބެލެހެއްޓޭނެތީވެ މިނިސްޓްރީވެގެންދާނީ ރެގިއުލޭޓަރީ އެޑްމިނިސްޓްރޭޓިވް ބޮޑީއަކަށް،" ޒުހޫރު ވިދާޅުވިއެވެ.
ޒުހޫރު ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަން އުފެދުމުން ކޮންމެ ރަށެއްގައިވެސް ހުންނަ ކުޅިވަރުތައް ވީހާވެސް ބޮޑަށް މިނިވަންވެ އެ ކުޅިވަރުތަކަށް މީހުންގެ ޝައުގުވެރިކަން އިތުރުވެގެންދާނެ ކަމަށެވެ.
ކުޅިވަރުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤު (ޓޮމް) އެވެ.