07 Mar 2011, 19:39
ޕެރިސް : ފަރަންސޭސިވިލާތުގެ ހައްދުފަހަނަޅާފައިވާ ކަނާތުފިޔައަށް ނިސްބަތްވާ ފަރާތްތަކުން ކުރިޔަށްއޮތް ރިޔާސީ އިންތިޚާބުގައި، މިހާރުގެ ރައީސް ނިކޮލައި ސަރކޯޒީ ބަލިކުރާނެކަން ޚިޔާލު ހޯދުމުގެ ސަރވޭއަކުން ހާމަވެއްޖެއެވެ.
"ހެރިސް އެންޓަރ އެކްޓިވް" ފައުންޑޭޝަނުން ކުރި މިސަރވޭން ހާމަވާގޮތުގައި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފަރަންސޭސި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ނިކޮލައިސަރކޯޒީއަށް 21 އިންސައްތަ ވޯޓު ލިބޭނެ ކަމަށް ބެލެވޭއިރު ހައްދުފަހަނަޅާފައިވާ ހަރުކަށި ޖާންމެރީ ލޮޕޭންގެ ދަރިކަނބަލުން މެރިން ލޮޕޭނަށް 23 އިންސައްތަ ވޯޓު ލިބޭނެކަން މިސަރވޭން ހާމަވެއެވެ.
2007 ވަނަ އަހަރު ވެރިކަމަށް އިންތިޚާބު ވެވަޑައިގެންނެވި ސަރކޯޒީ ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އަދި އިޢްލާން ކުރައްވާފައެއް ނުވެއެވެ. ނަމަވެސް ސަރކޯޒީގެ ޕާޓީގެ އިސްބޭފުޅެއް ކަމަށްވާ ބޮޑުވަޒީރު ފްރާންސްވާ ފިޔޯން ވަނީ ސަރކޯޒީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ ތަބީޢީ ކަމެއްކަމަށް ވިދާޅުވެފައެވެ.
ސަރކޯޒީގެ ޔުނިޔަން ޕާޓީ ފޯރ ޕޮޕިއުލަރ މޫމެންޓުގެ ކުރީގެ ތަރްޖަމާން ޑޮމިނިކް ޕާއި ވިދާޅުވި ގޮތުގައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ފާސްވެގެން ދެވަނަ ބުރަށް ވަޑައިގެންނެވޭވަރުގެ ތާއީދެއް ސަރކޯޒީއަށް ލިބިވަޑައިގަތުމަކީ މުސްތަހީލް ކަމެކެވެ.
ސަރކޯޒީގެ މަޤްބޫލުކަން ފަރަންސޭސި ރައްޔިތުންގެ މެދުގައި މިހާރުވަނީ ދުވަހަކުވެސް ދަށަށްނުދާ މިންވަރަށް ދަށަށް ގޮސްފައިކަން ޚިޔާލު ހޯދުމުގެ ސަރވޭތަކުންވަނީ ހާމަވެފައެވެ. -- އަލްޖަޒީރާ