ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރު އާންމު ކުރުމަށް ގާނޫނުގައި ބުނެފައިވީ ނަމަވެސް ދަފްތަރު އާންމު ނުކުރާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ އަށް ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހުށަހަޅުއްވައިފި އެވެ.

ސަރުކާރުގެ މަސްއޫލިއްތަޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ މުގައްރިރު ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދަށް އެޑުރެސްކޮށް އަބްދުﷲ ރިޔާޒު ފޮނުއްވި ސިޓީއެއްގައި ވަނީ ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރާ މީހުންގެ ދަފްތަރު އާންމު ކުރުމަށް ގާނޫނުގައި އެވަރަށް ބާރު އަޅާފައި ވަނީ އެފަދަ މީހުންގެ ސަބަބުން އެހެން ރައްޔިތުން ރައްކާތެރި ކުރުމަށްޓަކައި ކަމަށެވެ.

ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތް:

  • ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރާ މީހުންގެ ނަންތައް އިންޓަނެޓުން ފަސޭހައިން ބެލޭނެ ގޮތް ހުރުން.
  • އެސްއެމްއެސްގެ ޒަރިއްޔާއިން ވެސް އަދި އެމީހުންގެ އައިޑީކާޑު ބޭނުން ކޮށްގެން ނަމަވެސް ފަސޭހަ ކަމާ އެކު އެމީހުންގެ މައުލޫމާތު ދެނެގަނެވޭނެ ނިޒާމެއް ގާއިމު ކުރުން.

އަބްދުﷲ ރިޔާޒު ވިދާޅުވެފައި ވަނީ 2009 ވަނަ އަހަރު ފާސްކޮށްފައިވާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނަށް ހުރިހާ ފަރާތްތަކަކުން ވެސް އަމަލުކުރަން ޖެހޭ ކަމަށެވެ.

ފުވައްމުލުކުގައި 16 އަަހަރާއި 14 އަހަރުގެ ދެ އަންހެން ކުދިން ލައްވައި ހަށިވިއްކުވުމުގެ ވިޔަފާރި ހިންގި މައްސަލާގައި ސަރުކާރުގެ އިހުމާލެއް ވޭތޯ ބެލުމަށްވެސް ރިޔާޒު ވަނީ އެ ކޮމެޓީއަށް މައްސަލަ ހުށަހަޅުއްވާފަ އެވެ. އެ މައްސަލާގައި ޖުމުލަ 16 މީހަކު ފުލުހުން މިހާތަނަށް ވަނީ ހައްޔަރު ކޮށްފައި އެވެ.