14 Jul 2015, 15:27
ފުވައްމުލަކުގައި ކުޑަ ދެ ކުދިން ލައްވައި ހަށިވިއްކުވި މައްސަލާގައި އެހެން ރަށްރަށު މީހުން ހިމެނޭ އިރު އެކަމާއި ގުޅިގެން ތުހުމަތު ކުރެވޭ ކުޑަ ކުއްޖެއްގެ އިތުރުން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
މިއަދު ހައްޔަރު ކުރި ތިން މީހުންނާއެކު އެ މައްސަލާގައި ހައްޔަރު ކުރި މީހުންގެ އަދަދު ވަނީ 16 އަށް އަރާފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ މިއަދު ހައްޔަރުކޮށްފައި ވަނީ 17 އަހަރުގެ ކުއްޖަކާއި 20 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އޭގެ ތެރެއިން 20 އަހަރުގެ މީހާއަކީ ދެ ފަހަރައްގެ މަތިން މީގެ ކުރިން ވެސް ފުލުހުން ހައްޔަރުކޮށް ޕީޖީއަށް އޭނާގެ މައްސަލަ ފޮނުވާފައިވާ މީހެއް ކަމަށް ފުލުހުން ބުނެ އެވެ. އޭނާ އާއި މެދު ކުރިން ކުރެވުނު ތުހުމަތުތަކުގެ ތެރޭގައި ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަ ހިމެނެ އެވެ.
ފުލުހުން ބުނީ ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ފުވައްމުލަކަށް ނިސްބަތްވާ މީހުންގެ އިތުރުން އެހެން ބައެއް ރަށްރަށުގެ މީހުން ވެސް ތިބިކަން ތަހުގީގުން މިހާތަނަށް ވަނީ ފާހަގަ ކުރެވިފައި ކަމަށެވެ.
މިއަދު ހައްޔަރު ކުރި މީހުންގެ އިތުރުން އެހެން މީހުންގެ ބަންދަށް މިހާތަނަށް ވަނީ 15 ދުވަސް ޖަހާފަ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ އެ މައްސަލާގައި ޖިންސީ ޝިކާރައަކަށްވެފައިވާ ދެ ކުދިންގެ ތަހުގީގްތަކަށް ބަލާ އިރު އެއްވެސް ކުއްޖަކު ބަނޑުބޮޑު ނޫން ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މިކަމެއް ހިންގާތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. ތުހުމަތު ކުރެވޭ ގޮތުގައި މިކަމެއް ހިންގަނީ ވިޔަފާރިވެރިން އިސްވެތިބެގެންނެވެ. އެ ކުދިނާއި ބަދުއަހުލާގީ އަމަލު ގިނައިން ހިންގަނީ އެ ރަށު މިސްކިތްމަގުގައި ހުންނަ ގެސްޓް ހައުސް އެއްގަ އެވެ. އެކިރޭ އެކި މީހުންނެވެ.