14 Jul 2015, 15:19
އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުން ތަމްރީނު ކުރުމުގައި ސިވިލް ސާވިސް ޓުރެއިނިން އިންސްޓިޓިއުޓުއާ (ސީއެސްޓީއައި) އިލެކްޝަންސް ކޮމިޝަނާ (އީސީ) ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ އޮފީހުގައި މިއަދު މެންދުރު އޮތް ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އިލެކްޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު މުސްތަފާ އެވެ. އަދި ސިވިލް ސާވިސް އިންސްޓިޓިއުޓުގެ ފަރާތުން ސޮއިކުރެއްވީ ސިވިލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު ހަސަން ދީދީ އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އީސީގެ ނައިބު ރައީސް އަމްޖަދު ވިދާޅުވީ މިއަދު ސޮއިކުރި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ އިލެކްޝަނުގެ ފަރާތުން މީގެ ފަހުން ތަމްރީނުކުރާ ފަރާތްތަކާއި އަދި އެ ކޮމިޝަނުގެ މުވައްޒަފުން ތަމްރީނު ކުރުމުގައި ސިވިލް ސާވިސް ޓުރެއިނިން އިންސްޓިޓިއުޓުގެ އެހީތެރިކަން ހޯދުން ކަމަށެވެ.
މީގެކުރިން ވެސް މުވައްޒަފުން ތަމްރީނު ކޮށްފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ މީގެ ކުރިން މުވައްޒަފުން ތަމްރީނު ކުރީ އެއްވެސް ފަރާތަކާ ގުޅިގެނެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ސަބަބުން ދައުލަތުގެ ހަރަދު އެތައް ގުނައެއް ކުޑަވެގެން ދާނެ ކަމަށާއި ރައްޔިތުންނަށް ދޭ ހިދުމަތްތައް އިތުރަށް ރަނގަޅު ވެގެން ދާނެ ކަމަށެވެ.
"މި އެމްއޯޔޫގައި ކަށަވަރު ކޮށްދޭ އެއް ކަމަކީ އިންތިހާބުތަކުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމުރީނު ކުރުމުގައި ސެޓިފިކެޓު ލެވެލް އެކެއްގެ ލެވެލުގައި ތަމްރީނު ކުރުން އެއީ ވަރަށް މުހިއްމު ކަމެއް،" އަމްޖަދު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ސިވިލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު ހަސަން ދީދީ ވިދާޅުވީ އެއްބަސްވުމުގައި މިއަދު ސޮއިކުރި ހިސާބުން ފެށިގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލު ކުރާ ފެންވަރުގެ ތަމްރީނު ޕުރޮގުރާމެއް ފެށިގެން ދާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު ވިދާޅުވީ މިއަދު ސޮއިކުރި އެއްބަސްވުމަކީ އެކޮމިޝަނާއި ސިވިލް ސާވިސް ޓުރެއިނިން އިންސްޓިޓިއުޓުން ބޭނުންވާ މުއްދަތަކަށް ކުރިއަށް ގެންދެވޭނެ އެއްބަސްވުމެއް ކަމަށެވެ. އަދި ވިދާޅުވީ އެއްބަސްވުމުގެ ދަށުން 2016 އަދި 2017 އާ ހަމައަށް 500 މުވައްޒަފުން ތަމްރީނު ކުރެވިގެން ދާނެ ކަމަށެވެ.