ރައުސްޖްދޭރު : ލީބިޔާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ސަރަޙައްދީ ރޮނގު ހުރަސްކޮށް އެޤައުމުން ބޭރުވާ އެތަށް ހާސްބަޔަކު ލީބިޔާއާއި ތޫނިސްގެ ސަރަހައްދީ ރޮނގު ގުޅިފައިވާ ހިސާބުގައި ތާށިވެފައި އެބަތިއްބެވެ.

ރެފިއުޖީންނާބެހޭ އދ.ގެ ހައިކޮމިޝަނުން މިފަރާތްތަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ގިނަޢަދަދެއްގެ ފޭލިގެތައް ޖަހައި ކާބޯތަކެތި ލިބޭނެ އިންތިޒާމް ހަމަޖައްސަމުން ގެންދިޔަ ނަމަވެސް ރެފިއުޖީން ނިސްބަތްވާ ޤައުމުތަކުން ވައިގެމަގުންނާއި ކަނޑުގެ މަގުން އެމީހުން ގެންދިޔުން ލަސްވަމުންދާތީ މިސަރަޙައްދުގައި ތޮއްޖެހިފައިވާ މީހުންގެ ޢަދަދުވަނީ ލައްކައަކާ ގާތްވެފައެވެ. ނަތީޖާއެއްގެ ގޮތުން ރެފިއުޖީން ބަލިވުމާއި އެމީހުންނަށް ބޭނުންވާ އިންސާނީ އެހީގެ ޚިދްމަތްތަކަށް ބާރުބޮޑުވެފައިވާ ކަމަށް އދ. ން ބުނެއެވެ.

މިސަރަޙައްދުގައި ތާށިވެފައިވާ މީހުންގެ ތެރެއިން އަމިއްލަ ޤައުމަށް ދެވޭނެގޮތެއްނެތި ތޮއްޖެހިފައިވާ މީހުންގެ ލިސްޓުގައި އެންމެ ގިނައީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. މިސަރަޙައްދުގެ މައްސަލަ ދުވަހުން ދުވަހަށް ގޯސްވަމުންދަނީ ލީބިޔާއިން ތޫނިސްގެ ސަރަޙައްދީ ރޮނގަށް އަންނަމީހުންގެ ޢަދަދާ ގާތަށްވެސް އެމީހުން ނިސްބަތްވާ ޤައުމުތަކުގެ ސަރުކާރުތަކަށް އެމީހުންގެ ޤައުމުތަކަށް ނުގެންދެވޭތީ ކަމަށް ރެފިއުޖީންނާބެހޭ އދ. ގެ ހައި ކޮމިޮޝަނުން ބުނެއެވެ.

ލިބިޔާގައި ދިރިއުޅޭ އެކިޤައުމުތަކުގެ ދެލައްކައަށްވުރެ ގިނަމީހުން މިސްރުގެ މަގުންނާއި ތޫނިސްގެ މަގުންނާ އަދި ލީބިޔާގެ ކަނޑާއި ވައިގެ ބަނދަރުތަކުން މިހާތަނަށް ލީބިޔާއިން ނުކުމެފައިވާއިރު އަދިވެސް މިލިޔަނެއްހާ ބޭރުޤައުމުތަކުގެ ރައްޔިތުން ލީބިޔާގައި ތަށިވެފައިވާނެ ކަމަށް އދ. ން ލަފާކުރެއެވެ.
ލީބިޔާގައި އަދިވެސް ތިބޭނެ ކަމަށް ބެލެވޭ ބޭރު މީހުންގެ ޢަދަދު މިހާ ގިނަ ނަމަވެސް އެއްގަމު މަގުން ތޫނިސްގެ ސަރަޙައްދީ ރޮނގަށް (ރައުސްޖްދޭރު ސަރަޙައްދަށް) އަންނަ މީހުންގެ ޢަދަދު މިހާރު މަދުވަމުންދާތީ އެކަމާމެދު ކަންބޮޑުވާކަން ރެފިއުޖީންނާބެހޭ އދ. ގެ ހައި ކޮމިޮޝަނުން ހާމަކުރެއެވެ. -- އަލްޖަޒީރާ