14 Jul 2015, 13:27
އެޑިސް އަބާބާ (ޖުލައި 14): ފަގީރު ގައުމުތަކުގެ ތަރައްގީގެ ކަންތައްތަކަށް ބޭނުންވާ ފައިސާ ހޯދުމާބެހޭ ސަމިޓް ބައްދަލުވުމެއް އިތިއޮޕިޔާގެ ވެރިރަށް އެޑިސް އަބާބާގައި ފަށައިފި އެވެ.
މިސަމިޓްގެ އިފްތިތާޙީ ޖަލްސާގައި ވާހަކަ ދައްކަވަމުން އިތިއޮޕިޔާގެ ބޮޑުވަޒީރު ހިލަމަރިޔަމް ޑިސްލީން ވިދާޅުވީ، މުޅި ދުނިޔެއަށް ބަލާއިރުވެސް އިންސާނީ ތަރައްގީއާއި އުމްރާނީ ތަރައްގީގެ ހާލަތު އެންމެދަށީ އެފްރިކާގެ ގައުމުތަކުގައި ކަމުގައެވެ. އަދި ފަގީރު ގައުމުތަކުގެ ގޮތުގައި ލިސްޓް ކުރެވިފައިވާ 49 ގައުމުގެ ތެރެއިން 33 ގައުމަކީ އެފްރިކާގެ ގައުމުތައް ކަމަށްވެސް ހިލަމަރިޔަމް ވިދާޅުވިއެވެ.
މިސަމިޓްގެ އިފްތިތާޙީ ޖަލްސާގައި ވާހަކަ ދައްކަވަމުން އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ވިދާޅުވީ، ތަރައްގީގެ ދާއިރާގައި ދުނިޔޭގެ މުއްސަނދި ގައުމުތަކާއި ފަގީރު ގައުމުތަކުގެ ދެމެދުގައިވާ ތަފާތުތައް ކުޑަކުރަންޖެހޭ ކަމަށާއި ތަފާތުތައް ކުޑަކުރެވޭނެ ގޮތްތަކަކާބެހޭގޮތުން އެއްބަސްވުމަކަށް އައުން މިސަމިޓްގެ އެޖެންޑާގައި ހިމެނޭ ކަމުގައެވެ. އަދި ތަރައްގީގެ ދާއިރާގައި ދުނިގޭ މުއްސަނދި ގައުމުތަކާއި ފަގީރު ގައުމުތަކުގެ ދެމެދުގައިވާ ތަފާތުތައް ކުޑަކުރުމަށްޓަކައި ޝަޚްސީ މަސްލަޙަތުތަކަށްވުރެ އާންމު މަސްލަޙަތަށް އިސްކަންދިނުމަށްވެސް ދުނިޔޭގެ ގައުމުތަކަށް ބާންކީ މޫން ގޮވާލެއްވިއެވެ.
ބާންކީ މޫން އިތުރަށް ވިދާޅުވީ، ތަރައްގީއާއި ކުރިއެރުމަކީ ހުރިހާ ގައުމުތަކެއްގެވެސް ހައްގެއް ކަމަށާއި މި ހައްގު ހާސިލްކުރުމުގައި އެއްގައުމު އަނެއްގައުމާ ތަފާތުކޮށްގެން ނުވާނެ ކަމުގައެވެ.
މިސަމިޓްގައި ވާހަކަ ދައްކަވަމުން އެފްރިކާގެ އިއްތިޙާދުގެ ކޮމިޝަންގެ ރައީސާ އެކްޒާޒާނާ ޑިލަމީނާ ވިދާޅުވީ، އެފްރިކާގެ ބައެއް ގައުމުތައް އިގްތިސާދީގޮތުން މިހާރު ކުރިއަރަން ފަށާފައިވުމަކީ ރަނގަނޅު ފާލެއް ކަމުގައެވެ. އެހެންކަމުން އެފްރިކާއަށް ތަރައްގީ ގެނައުމަށްޓަކައި އެފްރިކާގެ ގައުމުތަކުގައި އިސްވެސްޓް ކުރުމަށް މުއްސަނދި ގައުމުތަކަށް އޭނާ ގޮވާލެއްވިއެވެ.
އދ. ގެ ބެލުމުގެ ދަށުން ފަސްދުވަހުގެ މުއްދަތަށް ކުރިޔަށްދާ މިބައްދަލުވުމުގައި ދުނިޔޭގެ ބައެއް ގައުމުތަކުގެ އިސް ލީޑަރުން ބައިވެރިވެ ވަޑައިގަންނަވައެވެ. (އަލްޖަޒީރާ)