މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމަށް ދައުވާ ލިބޭ މީހަކު މިއަދު ޝަރީއަތުގެ މަޖިލީހުގައި އެއްބަސްވެއްޖެ އެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފުވެފައި ވަނީ ށ. ގޮއިދޫ މަލާޒް މުހައްމަދު ޝިނާނެވެ. އޭނާ އިއުތިރާފުވެފައި ވަނީ ފުލުސް މީހާގެ ގައިގައި ފައިން ޖެހި ކަމަށެވެ.

"އަޅުގަނޑު ދެފަހަރު ޖެހިން،" ޝިނާން ބުންޏެވެ.

ދައުވާ ލިބޭ ޝިނާން ކަރެކްޝަނަލް ސާވިސްގެ ވެހިކަލަށް އަރުވަނީ ---- ސަން ފޮޓޯ: އަހްމަދު އާޒިފް

ކުށަށް އިއުތިރާފުވުމަށްފަހު އޭނާ ވަނީ ބަންދުން ދޫކޮށްދިނުމަށް ކޯޓުގައި އެދިފައެވެ.

ޝިނާން ކުށަށް އިއުތިރާފުވިނަމަވެސް އޭނައާ އެކު ދައުވާ ލިބޭ ގދ. ގައްދޫ ލޮޓަސް ލައުޝަން އަހްމަދު ޒާހިރު ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ.

ދައުވާ ލިބޭ ޝިނާން (ކ) އަދި ލައުޝަން ކަރެކްޝަނަލް ސާވިސްގެ ވެހިކަލަށް އަރުވަނީ ---- ސަން ފޮޓޯ: އަހްމަދު އާޒިފް

ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އަށް އިންކާރު ކުރަނީ ކީއްވެގެންތޯ އިސް ގާޒީ އަބްދުﷲ މުހައްމަދު އެއްސެވުމުން ލައުޝަން ބުނީ އެއީ އެފަދަ ކަމެއް އޭނާ ނުކުރާތީ ކަމަށެވެ.

ޕޮލިސް ސާޖަންޓު އަބްދުއްރަހްމާން ހުސައިނަށް ހަމަލާދީފައި ވަނީ މެއި މަހުގެ އެއްވަނަ ދުވަހުގެ ރޭ ޗާންދަނީ މަގު އިސްކަންދަރު ސްކޫލް ކައިރިން އޭނާ ދުވެފައި ދަނިކޮށެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ ލައުޝަން ދައުވާ އަށް އިންކާރުކޮށްފައިވާތީ އޭނައާ ދެކޮޅަށް ހެކި ހުށަހަޅަން ދައުލަތުން ބޭނުންވާ ކަމަށެވެ. އެގޮތުން ދައުލަތުން ހުށަހަޅަން ބޭނުންވަނީ ލައުޝަން ފުލުސް މީހާއަށް ހަމަލާދިން މަންޒަރު ދުށްކަމަށް ބުނާ ދެ މީހަކާއި ވީޑިއޯ ފްޓޭޖާއި ފޮޓޯ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

އެ މައްސަލާގައި ހިމެނޭ ހެކީން ސިއްރުކުރަން ބޭނުންވާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ފުލުސް މީހާއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ޖުމްލަ 13 މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.