14 Jul 2015, 13:26
ވިއެނާ (ޖުލައި 14): އީރާނުގެ ނިއުކްލިއާ މައްސަލަ ހައްލުކުރުމުގެ ދާއިމީ އެއްބަސްވުމަކާ ހަމައަށް ދެވިއްޖެކަން ވިއެނާގައި ކުރިޔަށްދާ ނިއުކްލިއާ ވާހަކަތަކުގައި ބައިވެރިވާ އީރާނުގެ ވަފްދުގެ ބޭފުޅަކު ކަށަވަރުކޮށްދެއްވައިފިއެވެ.
ނަންހާމަކުރަންނޭދޭ އީރާނުގެ މިމަސްއޫލުވެރިޔާއާ ހަވާލާދީ ރޮއިޓާސް ބުނާގޮތުން އެއްބަސްވުމަކާ ހަމައަށް ދެވިއްޖެކަން ހައެއްކަ ގަޑީއިރު ތެރޭގައި އީރާނާއި ބޮޑެތި ބާރުތަކުން އިޢްލާންކުރާނެއެވެ.
އީރާނުގެ އެހެން ޑިޕްލޮމޭޓަކުވެސްވަނީ މިކަން ކަށަވަރުކޮށްދެއްވާފައި ކަމަށް ރޮއިޓާސް ބުނެއެވެ. ވިއެނާއިން އެންމެފަހުން ލިބުނު ޚަބަރުތައް ބުނާގޮތުންވެސް އީރާނުގެ ނިއުކްލިއާ މައްސަލަ ހައްލުކުރުމުގެ ދާއިމީ އެއްބަސްވުމަކާ ހަމައަށް ދެވިއްޖެކަން ކުރިޔަށްއޮތް ހައެއްކަ ގަޑީއިރުތެރޭގައި އިއުލާންކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.
އީރާނުގެ ނިއުކްލިއާ ވާހަކަތަކާ ގުޅުންހުރި ޑިޕްލޮމޭޓުންނާ ހަވާލާދީ ބައިނަލްއަގްވާމީ ނޫސްއެޖެންސީތައް ބުނާގޮތުން އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ އިސްލީޑަރުން މިހާރުވަނީ މިއެއްބަސްވުމުގެ ދެލިކޮޕީ ފައިނަލްކުރުމަށް ކުރަންޖެހޭ އެންމެފަހުގެ މުރާޖަޢާތައްވެސްކޮށް ނިންމާފައެވެ.
ދެންއޮތީ އެއްބަސްވުމަކާހަމައަށް އާދެވިއްޖެކަން އިއުލާންކުރުމުގެ ސިޔާސީ ނިންމުންކަމަށްވެސް ޚަބަރުތައް ބުނެއެވެ. އީރާނުގެ ރައީސް ޙަސަން ރޫޙާނީ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އީރާނުގެ ނިއުކްލިއާ މައްސަލާގައި އެކަމާބެހޭ ދާއިމީ އެއްބަސްވުމަކާ ހަމައަށް އާދެވުމުން އެކަންވެގެންދާނީ އެއްގައުމު އަނެއްގައުމަށް އިޙްތިރާމްކުރުމާއި ޑިޕްލޮމަސީ އާއި ބައިނަލްއަގްވާމީ ސުލްހައަށް ލިބުނު ތާރީޚީ ކާމިޔާބީ އެއްކަމަށް ސިފަކުރައްވާފައެވެ.
ނަމަވެސް އެއްބަސްވުމަކަށް އާދެވުނުކަމަށް އެޓްވީޓްގައި އީރާނުގެ ރައީސް ވިދާޅުވެފައެއް ނުވެއެވެ. އީރާނުގެ ނިއުކްލިއާ މައްސަލަ ހައްލުކުރުމުގެ ދާއިމީ އެއްބަސްވުމަކާ ހަމައަށް ދެވިއްޖެކަން އިއުލާން ކުރުމަށް ތައްޔާރުވުމުގެ ގޮތުން ދުނިޔޭގެ ބޮޑު ފަސްބާރާއި ޖަރުމަނުގެ ޚާރިޖީ ވަޒީރުން ރޭގައި އީރާނުގެ ވަފްދާ ވަކިން ބައްދަލުކުރައްވާފައިވެއެވެ.
އަދި މިއަދު ހެނދުނު އީރާނުގެ ޚާރިޖީ ވަޒީރުވެސް ހިމެނޭގޮތަށް މިހަގައުމުގެ ޚާރިޖީ ވަޒީރުން ބައްދަލުކުރައްވަމުން ގެންދަވާކަމަށް ޚަބަރުލިބެއެވެ. (ރޮއިޓާސް)