14 Jul 2015, 12:13
މޮސްކޯގައި މިލިޓަރީ މީހުން އުޅުމަށް ތައްޔާރުކޮށްފައިވާ އިމާރާތަކުން ބައެއް ވެއްޓި އެ ގައުމުގެ 23 ސިފައިންގެ މީހަކު މަރުވެއްޖެ އެވެ.
އޮންލައިން ނޫހެއް ކަމަށްވާ "ދަ ނޭޝަން" އިން ބުނާ ގޮތުގައި އާދިއްތަ ދުވަހު ރަޝިއާގެ ވެރި ރަށް މޮސްކޯގައި އެ ހާދިސާ ހިނގުމަށް މެދުވެރިވެފައި ވަނީ އިމާރާތް ތައްޔާރު ކުރުމުގައި ފަރުވާ ކުޑަކުރުމުގެ ސަބަބުން ކަމަށާއި ރައްކާތެރިކަމުގެ ސްޓެންޑާޑް ކުޑަވުމުގެ ސަބަބުން ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދާ ގްރޫޕުގެ ސްޕޯކްސްޕާސަން ލާދިމީރު މާކިން ވިދާޅުވީ އިމާރާތުގެ ބައެއް އަރިއަޅާލުމުގެ ސަބަބުން އެތަނުގެ ތެރޭގައި ތިބި 23 މީހަކު މަރުވެފައިވާ އިރު 40 މީހަކު ވަނީ ޒަހަމްވެފައި ކަމަށެވެ. އަދި އެގޮތުން ބޮޑެތި އަނިޔާތަކެއް ލިބިގެން 19 ހަނގުރާމަވެރިން ވަނީ ހަސްފަތާލުތަކުގައި އެޑްމިޓްކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ސަރަހައްދު ބެލެހެއްޓުމާއި ތަހުގީގު ކުރުމަށް 350 ރެސްކިއު ވޯކާސް ދަނީ ހަރަކާތްތެރި ވަމުންނެވެ.
އެ ހާދިސާ އާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު ސާޖެއީ ޝޮއިގޫ ވިދާޅުވީ އިމާރާތް އަރިއަޅާލައިގެން ޒަހަމްވި މީހުންގެ ތެރެއިން 10 މީހުން ވަނީ ވައިގެ މަގުން ހޮސްޕިޓަލަށް ގެންދެވިފައި ކަަމަށެވެ.
އިންވެސްޓިގޭޓިވް ކޮމިޓީ އިން ބުނާ ގޮތުގައި އެ މައްސަލަ މެދުވެރިވާން ދިމާވި ސަބަބެއްގެ ފަހަތުގައި ބައެއްގެ ފަރުވާކުޑަ ކަމާއި ބާރުގެ ބޭނުން ނާޖައިޒުގޮތުގައި ބޭނުން ކޮށްފައިވާ ފަރާތްތަކަށް 10 އަހަރު ޖަލުގައި ހޭދަ ކުރަން ޖެހޭނެ ކަމަށެވެ.