ރައްޔިތުންގެ މަޖިލީހުން މި އަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި ފާސްކުރި ސިއްހީ ޚިދުމަތްތެރިންގެ ގާނޫނުގައި ބުނެފައިވާ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ހެލްތު މިނިސްޓީން ހުޅުވާލައިފި އެވެ.

އެކައުންސިލުގެ އިތުރުން ވެސް އެ ގާނޫނުގެ ދަށުން އުފެދޭ އިތުރު ދެ ކައުންސިލަކަށް ވެސް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައި އެވެ. އެ ދެ ކައުންސިލަކީ މޯލްޑިވްސް ނާސިން އެންޑް މިޑުވައިފަރީ ކައުންސިލާއި މޯލްޑިވްސް އެލައިޑު އެންޑު ހެލްތު ކައުންސިލެވެ.

ގާނޫނަށް އަމަލު ކުރަން ފަށާތާ ވަކި މުއްދަތެއްގެ ތެރޭގައި ތިން ނަމެއް ކިޔާ ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަން ވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ހެލްތު މިނިސްޓްރީ އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލަށް ތިން މެޑިކަލް ޕްރެކްޓިޝަނާގެ އިތުރުން އެއް ޑެންޓަލް ޕްރެކްޓިޝަނާ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލަށް ބޭނުންވާ ކަމަށެވެ. އަދި ބުނެފައި ވަނީ ތިން މެޑިކަލް ޕުރެކްޓިޝަނާގެ ތެރެއިން އެއް ފަރާތެއް ވާން ޖެހޭނީ އަތޮޅު ތެރޭގައި އެއް އަހަރުގެ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ކަމަށެވެ.

އިއުލާނުގައި ބުނެފައި ވަނީ މޯލްޑިވްސް ނާސިން އެންޑު މިޑުވައިފަރީ ކައުންސިލަށް ތިން ރެޖިސްޓާޑު ނަރުހުންނާއި އެއް ރަޖިސްޓާޑު މިޑުވައިފު ނާސް ބޭނުންވާ ކަމަށެވެ.

މޯލްޑިވްސް އެލައިޑު އެންޑު ހެލްތު ކައުންސިލަށް ދިވެހިރާއްޖޭގައި އެލައިޑް ހެލްތު ޕްރޮފެޝަނަލުންގެ ތެރެއިން މަސައްކަތްކުރާ ހަ މީހުން ބޭނުންވާ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

ކައުންސިލް މެންބަރުންގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • ކަނޑައެޅިގެން އެނގެންއޮތް އުޒުރެއް މެދުވެރިވެގެން މެނުވީ، ކައުންސިލްގެ ބައްދަލުވުންތަކަށް ހާޒިރުވުން.
  • ކައުންސިލްގެ ރައީސް ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.
  • ކައުންސިލުން ބަލާ ޝަކުވާތަކާ ގުޅިގެން ޒިޔާރާތް ކުރަން ޖެހޭ ތަންތަނަށް ޒިޔާރާތްކުރުމާއި ސުވާލުކުރަން ޖެހޭ ފާރާތްތަކާ ސުވާލުކުރުމާއި ދިރާސާކުރަން ޖެހޭ ލިޔުންތައް ދިރާސާކުރުމާއި ތައްޔާރުކުރަން ޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން.
  • މުޖުތަމަޢުގެ ތެރޭގައި އުޅުމުގައި، ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ އަޚުލާޤީ މިންގަނޑުތަކާއި ސުލޫކީ މިންގަޑުތަކާއި އަބުރުވެރިކަން ހިފެހެއްޓުން.

ސިއްހީ ޚިދުމަތްތެރިންގެ ގާނޫނުގައި ބުނެފައި ވަނީ މިހާރު ހިންގަމުން އަންނަ މެޑިކަލް ކައުންސިލުގައި ބޭނުން ކުރަމުން ގެންދިޔަ އެންމެހައި މުދަލާއި ވަސީލަތްތަކާއި ސަރުކާރުގެ ބަޖެޓުން އެކަންކަން އެކަށައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އެކައުންސިލްގެ ޒިންމާތަކާ ވާޖިބުތައް ލިބުމާއެކު ކައުންސިލް އުފެދުނީ ކަމަށެވެ.

ކައުންސިލު ކަމަށް ކުރިމަތިލެވޭ ޝަރުތުތައް:

  • ސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައިނުވުން

  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއް ނަމަ، އެ ފަންނުގެ މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައިވުން.

  • ޞިއްޙީ ޚިދުމަތްދެވޭ ތަނުގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެންބަރެއް ނުވަތަ އެހެންވެސް މަޤާމެއްގައި ހުރި މީހެއްކަމުގައި ނުވުން.

ހެލްތު މިނިސްޓުރީން އިއުލާނު ކޮށްފައިވާ އެ ކައުންސިލުތަކަށް މެމްބަރުން ހޮވުމަށްޓަކައި ސިލެކްޝަން ކޮމިޓީއެއް މިނިސްޓުރީން [ހެލްތު މިނިސްޓުރީ] އެކުލަވާލަންޖެހެ އެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާނީ މިނިސްޓުރީން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ މެމްބަރެއްގެ އިތުރުން މަދަނީ ޖަމިއްޔާއަކުން މެމްބަރެކެވެ.

އިއުލާނުގައި ބުނެފައި ވަނީ އެކައުންސިލަށް ކުރިމަތިލެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ހެލްތު މިނިސްޓުރީއަށް ސިޓީ ހުށަހަޅަންވާނެ ކަމަށެވެ.