ތިން ރަށެއްގައި މިސްކިތް އެޅުމުގެ ގޮތުން އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީ އިން ބީލަމަށް ލައިފި އެވެ.

ފިނޭންސް މިނިސްޓްރީ އިން މިދިޔަ ހަފުތާގެ ތެރޭގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ދ. މީދު އާއި ޅ. ނައިފަރުގެ އިތުރުން ގދ. ގައްދޫގައި މިސްކިތް އެޅުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް އެދޭ ކަމަށެވެ.

އިއުލާނުގައި ބުނެފައި ވަނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑު ސެކިއުރިޓީއެއްގެ ގޮތުގައި 30،000 ރުފިޔާ ބަހައްޓަން ޖެހޭނެ ކަމަށެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 118 ދުވަހެވެ. ފިނޭންސުން ބުނީ ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހޭނީ ކޮންޓްރެކްޓް އަގުގެ ފަސް ޕަސެންޓް ކަމަށާއި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ އެޑްވާންސް ޕޭމްންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

އެ ބީލަމުގައި ބައިވެރިވެވޭނީ ހައުސިން މިނިސްޓުރީގެ ނޭޝަނަލް ކޮންޓްރެކްޓަސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން ވަކި ގުރޭޑުތަކަށް ޝަރުތު ހަމަވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ފިނޭންސް މިނިސްޓުރީން ބުނީ ބީލަމެއްގައި ބައިވެރިވުމަށް 500 ރުފިޔާގެ ރަޖިސްޓުރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ. މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ހަފުތާގެ އަންގާރަ ދުވަހާ ހަމައަށް ފައިސާ ބަލައިގަންނާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

ބީލަން ހުށަހަޅާއިރު ދައުލަތަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއްވާ ނަމަ އެ ފައިސާ ދައްކައި ޚަލާޞް ކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އިން ދޫކޮށްފައިވާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓް) ބީލަމާ އެކު ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެ އިއުލާންގައިވެ އެވެ. އަދި އެ ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް ފަސް ދުވަހަށް ވުރެ އިތުރުނޫން ތާރީޚެއްގެ ލިޔުމަކަށެވެ.

ފިނޭންސުން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ އެ ޕުރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ އަންނަ ބުދަ ދުވަހުގެ 11:00 ގައި، ކަމަށެވެ.