ވަރަށް ނަލަހެދިފައި ހުރި ޒުވާން ޖިންސުއްލަތީފަކު ފަރި ހިނގުމެއްގައި ހިނގާފައި އައެވެ. މަގުގެ ވަކި ހިސާބަކުން އެޒުވާނާ މިސްރާބުޖެހީ މަގު ހުރަސް ކުރުމަށެވެ. އެކަމަށް ޓަކައި ފުރަތަމަ އޭނާ އެޅިފިޔަވަޅާ އެކު "ގަނބައި"ގެން ދިޔަ ކަހަލައެވެ. ހަލާކުވެފައިވާ ކާނުގަނޑެއްގެ ތެރެއަށް ފައިވަދެ ވެއްޓުނީ އެވެ. އެފަކީރަށް އެތަނުން ތެދުވެވުނީ ވެސް އެތައް ބައެއްގެ އެހީއާއެކު އެވެ. ކަމަކުދާކަށް ނެތެވެ. މުޅި ފައިި ޒަހަމްވެފަ އެވެ. ލައިގެން ހުރި ޖިންސު ވަނީ ވީދިފަ އެވެ. ފައިގެ އެތަން މިތަން ޒަޚަމްވެ ލޭ އައިސްފަ އެވެ.

މިދައްކަނީ ރާއްޖޭގެ ވެރިކަން ކުރާ މާލޭގެ މަގުތަކުގައި ހުރި ކާނުތަކުގެ ވާހަކަ އެވެ. ހަގީގަތުގައި ވެސް އެއީ އަނދަވަޅު ތަކެކެވެ. މާލޭގެ އެތައް މަގެއްގައި އެތަކެއް ބައިވަރު ކާނުތަކެއް އެހެރީ މަތިގަނޑުތައް ހަލާކުވެފަ އެވެ. ގިނަ ކާނުތަކުގެ ޖާލި ގަނޑު ހަމައެއް ނޫނެވެ. އަނެއްބައި ކާނުތަކުގެ ސިމެންތިބައި ވަކިވެ ހުސް ދަގަނޑަށް ވެފައިވާއިރު މިއީ އޭގެ ސަބަބުން އެތައް ބަޔަކަށް ވޭނާއި އުނދަގޫ ތަހައްމަލްކުރަން ޖެހިފައިވާ ކަމެކެވެ. ހަލާކުވެފައިވާ ކާނުތަކުގެ ޝިކާރައަކަށްވެ ކުދި ބޮޑު އެތައް ބަޔަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ. ކާނުތަކުގެ ސަބަބުން އެތައްބައެއްގެ ފައި ފުރޮޅާލާފައިވެ އެވެ.

މާލޭގެ މަގުތަކުގައި ހުރި ބައެއް ކާނުތަކުގެ ހާލަތު-- ސަން ފޮޓޯ

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއް ރަޝީދު ނާފިޒު ވިދާޅުވި ގޮތުގައި ކާނުތައް ހަލާކުވެ އެ ކާނުތަކުގެ ކޮންކްރީޓްތައް ނެއްޓި ދަގަނޑުތައް ކޮޅަށް ޖެހިފައިވާއިރު އޭގެ ސަބަބުން އެތައް އުޅަނދުތަކެއްގެ ފުރޮޅު ފެޅި، އެތައް ބަޔަކަށް އަނިޔާވަމުންދާތީ އެމައްސަލަ އެ އޮތޯރިޓީއަށް މީހުން ހުށަހަޅަމުންދެ އެވެ.

"ފުރޮޅު ފަޅައިގެން ދިއުމާއި ކާނުގެ މަތި އަޅާފައި ނުހުންނާތީ، ދޭތެރެ ދުރުވެފައި ހުންނާތީ ބައެއް މީހުން އެތަނަށް ވެއްޓި، އެހުރިހާ ކަމެއް ހިނގައި ޝަކުވާއެބަހުރި،" ނާފިޒް ވިދާޅުވި އެވެ.

ނާފިޒް ވިދާޅުވީ އެގޮތަށް ކާނުތައް ހުރުމުން މިހާރު ވަރަށް ނުރައްކާތެރި ހާދިސާތައް ހިނގަމުން އަންނަ ކަމަށެވެ. އެކްސިޑެންޓްތަކުގެ ސަބަބުން ދުއްވާ އުޅަނދުތައް މިސްރާބް ބަދަލުވެ އެކްސިޑެންޓްވުމުގެ އިތުރުން ކާނަކަށް ވެއްޓި ލިބޭ އަނިޔާއަކުން މީހަކު ނުކުޅެދޭ މީހަކަށް ބަދަލުވުމަކީ ވެސް އެކަށިގެންވާ ކަމެއް ކަމަށް ނާފިޒް ވިދާޅުވި އެވެ.

މާލޭމަގުގެ ކާނެއް ހަލާކުފައި-- އެކަމުގެ ސަބަބުން އެތައް ބަޔަކަށް އަނިޔާ ލިބޭ-- ސަން ފޮޓޯ: ފަޔާޒު މޫސާ

އެގޮތަށް ކާނުތައް ހުރުމަކީ ހިނގާ މީހުން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެކެވެ. ނަމަވެސް އަނދިރި ވަގުތަކާއި މަގުގައި ފެންބޮޑުވެފައި އޮންނަ ވަގުތުތަކުގައި ނޭނގި ކާނަށް ވެއްޓުން ނުވަތަ ވެހިކަލަށް ގެއްލުންވުމުގެ ފުރުސަތު އެބައޮތެވެ.

އެ ނުރައްކަލާއި ގުޅޭ ގޮތުން މާލޭގެ މުނިސްޕަލް ކަންތައް ބަލަހައްޓާ ހައުސިން މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރު އަބްދުﷲ ޝަރީފް ވިދާޅުވީ އެމިނިސްޓްރީން މިދިޔަ ޑިސެމްބަރު މަހު އެ މަސައްކަތާ ހަވާލުވި އިރު ކާނުތައް ހުރީ ވަރަށް ދަށް ހާލުގައި ކަމަށެވެ.

ކާނުތައް މަރާމާތު ކުރުމުގެ މަސައްކަތް ގަވައިދުން މިހާރު ކުރަމުންދާ ކަމަށާއި އެމިނިސްޓުރީގެ އަމާޒަކީ ކުރިއަށް އޮތް 20 ވަރަކަށް ދުވަހުގެ ތެރޭގައި ކާނުތައް މަރާމާތުކޮށް ނިންމާލުން ކަމަށް ޝަރީފް ވިދާޅުވި އެވެ.

އަޅުގަނޑުމެންނާ އެތަންތަން ހަވާލުވިއިރު ބައެއް ކާނުގެ މައްޗެއް ނޫން ކާނު ޖަންކްޝަންވެސް ހުރީ ހަލާކުވެފައި. މިހާރު ޖެހެނީ ޖަންކްޝަނާއެކު ބަދަލުކުރަންޝަރީފް: ހައުސިން މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރު

ޝަރީފް ވިދާޅުވީ، ހައުސިންގ މިނިސްޓްރީން އެ މަސައްކަތާ ހަވާލުވި އިރު، ކާނުތަކަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

"ދެ ގުރޫޕަކަށް ބަހާލައިގެން އަޅުގަނޑުމެން މިދަނީ ކާނު ސާފް ކުރަމުން އަދި ހަލާކުވެފައި ހުރި މަތިތައްވެސް ބަދަލު ކުރަމުން މިދަނީ." އޭނާ ވިދާޅުވި އެވެ.

މަހެއްގެ ތެރޭގައި މިހާތަނަށް 300 ވަރަކަށް ކާނު އާކޮށްފައިވާއިރު ކާނުތައް މަރާމާތު ކުރުމާއި ކާނުތައް ސާފް ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާއި ހަވާލުކޮށްފަ އެވެ. އެ މިނިސްޓްރީން ދޭ ޔަގީން ކަމަކީ ދާދި އަވަހަށް މީސްތަކުންނަށް އެކިވަރުގެ ޒަހަމްތައް ލިބޭ އެމައްސަލަ ހައްލުވެގެންދާނެ ކަމަށެވެ.

ނުރައްކާތެރި ގޮތަކަށް ކާނުތައް ހަލާކުވެފައި ހުރުމުގެ އިތުރުން މާލޭގެ މަގުތައް ކޮނެހެދުމަށް ފަހު ލެވަލް ނުކޮށް ހުރުމުން މަގުތަކުގައި ހުންނަ އަޑިގުޑަންތަކުގެ ސަބަބުން ވެސް އެކްސިޑެންޓްވެ މީހުންނަށް އަނިޔާ ލިބެމުންދާ ކަމަށް ޓްރާންސްޕޯޓް އޮތީރިޓީގެ ޗެއާމަން ނާފިޒް ވިދާޅުވި އެވެ.

މާލޭ މަގެއްގައި "ރާޅުބާނި" ހެން ގާ އަތުރާފައި-- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ

"މަގުތަކުގެ ކޮންޑިޝަންތައް އެގޮތަށް ބަލާކަމަށްވާ ނަމަ ވަރަށް ދެރަކޮށް މިހާރު ފެންނަނީ ގިނަ މަގުތައް، ބައެއް ޖަންކްޝަންތަކާއި ދިމާލަށް ވެސް އަޑިވެލާފައި އެއެއްޗެހިތައް ވެސް ފުރޮޅުގެ އަޅައިގަތުމާއި ދުއްވާ މީހުންނަށާއި ހިނގާ މީހުންނަށް ވެސް އެކަން އެބަދިމާވޭ،" ނާފިޒް ވިދާޅުވި އެވެ.

އަޑިގުޑަން ގިނަވެ މަގުތަކުގައި "ރާޅުބާނި" ފާޑަށް ގާއެތުރިފައި ހުރުމަކީ އުޅަނދު ދުއްވާ ފަރާތްތަކަށާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް އޭގެ ސަބަބުން ބޮޑެތި އަނިޔާތައް ލިބެމުންދާކަމެކެވެ. އަދި މިއީ އުޅަނދު ދުއްވާ ފަރާތްތަކުގެ ބުރަކަށްޓަށް ގެއްލުން ފަދަ ކަންކަން ދިމާވާނެ ކަންކަމެވެ.

ހައުސިން މިނިސްޓްރީގެ އެކްޒެކްޓިވް ކޯޑިނޭޓަރު ޝަރީފް ވިދާޅުވީ، މާލޭގެ މަގުތަކުގައި އަޑިގުޑަންވެފައި ހުންނަ ސަރަހައްދުތައް ހަމަހަމަ ކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.

"މަގުތަކުގައި ގަނބާފައި ހުންނަ ތަންތަން ގާނަގައިގެން ހަމަ ލެވަލިން މަސައްކަތްކޮށް ތެދުވެސްކޮށްފައި ހުންނާނީ މިހާރު ވެސް." ޝަރީފް ވިދާޅުވި އެވެ.

މާލޭގެ މަގަކުން ގާނަގައި އެރުމުގެ މަސައްކަތް ބަޔަކު ކުރަނީ-- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ

ލައްކައަކަށްވުރެ ގިނަ މީހުން ދިރިއުޅޭ އަޅުގަނޑުމެން އެންމެން ފަޚުރުވެރިވާ ދިވެހީންގެ ވެރިރަށުގެ މަގުތަކުގެ ހާލަކީ މިއީ އެވެ. އެތައް ކާނެއް ތޫނު ހަތިޔާރަކާ އެއްވަރަށް ނުރައްކާވެ، އެތައް ބަޔަކު ޒަހަމްވަމުން ދަނީ އެވެ. މަގުތަކުގައި އަޑިގުޑަންތައް ގިނަކަމުން އެތައްބައެއްގެ ބުރަކަށްޓަކާއި އެތައް ބައެއްގެ ފަޔަަށް އެދަނީ ގެއްލުމާއި އަނިޔާ ލިބެމުންނެވެ. ބައެއްގެ އިހުމާލުން ންމަވެސް އަދި ނޫން ނަވަމެސް މިކަން މިހާހިސާބަށް މިކަން ގޮސްފައިވާ އިރު އަވަސް ހައްލެއް ބޭނުންވެ އެވެ.