ކުށްވެރިންގެ ކެޓަގަރީއަށް ފިޓް ނުވާކަމަށް ބުނެ އެމެރިކާގައި ޖަލަށް ލާފައި ތިބި 46 މަސްތުވާތަކެތީގެ ކުށްވެރިން އެގައުމުގެ ރައީސް ބަރަކް އޮބާމާ މިއަދު ދޫކޮށްލައިފި އެވެ.

އޮބާމާ ވިދާޅުވެފައި ވަނީ އެމީހުން ދޫކޮށްލީ، ހަމަހަމަކަން ގާއިމް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށެެވެ. އަދި އެމީހުން ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ ކުށަކަށް ނުވާ ކުށްތަކަކަށް ކަމަށްވެސް އޮބާމާ ވިދާޅުވެފައިވެ އެވެ.

މިއަދު އޮބާމާ ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލި މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ 46 ކުށްވެރިންގެ އިތުރުން އުމުރަށް ޖަލަށްލާން ހުކުމްކޮށްފައިވާ 14 މީހަކާއި މިއަހަރުގެ ނޮވެމްބަރު 10 އެއްގެ ކުރިން ޖަލު ހުކުމް ހަމަވާ މީހުންވެސް ހިމެނެ އެވެ.

އޭގެތެރެއިން ގިނަ މީހުން ޖަލަށް ލާފައި ވަނީ ކޮކެއިން ގެންގުޅުނު ކަމުގެ ކުށް ސާބިތުވެގެންނެވެ.

ދޫކޮށްލުމަށް ނިންމި ކުއްވެރިންނަށް އޮބާމާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އެމީހުން ދޫކޮށްލަނީ އެމީހުންގެ ދިރިއުޅުން ރަނގަޅުކުރުމަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އެމީހުންނާމެދު ކުށްހީ ކުރާ މީހުންނަށް އެއީ ރަނގަޅުބައެއްކަން ސާބިތު ކޮށްދިނުމަށްވެސް އޮބާމާގެ ސިޓީގައި ވަނީ އެދިލައްވާފަ އެވެ.

އެކަމާއި ގުޅިގެން ވައިޓްހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 2017 ވަނަ އަހަރު ވެރިކަމުން ފޭބުމުގެ ކުރިން އަދުލު އިންސާފުގެ ދާއިރާގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އޮބާމާ ނިންމަވާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ޖަލަށް ލާން ހުކުމް ކުރުމުގެ އުސޫލުތަކަށްވެސް ބަދަލު ގެންނާނެކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.