14 Jul 2015, 00:03
އިލެކްޝަންސް ކޮމިޝަނުން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން އެ ކޮމިޝަންގެ ޑިރެކްޓަރ ލީގަލް އެފާއަޒް އެންޑް ޕޮލިޓިކަލް ޕާޓީސް ރެގިއުލޭޝަންސް މަރްޔަމް ހަނީފާ ހާލިދު، 10 ދުވަހަށް ސަސްޕެންޑްކޮށްފި އެވެ.
އިލެކްޝަން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަލީ މިރޭ ސަން އަށް ވިދާޅުވީ، "ހަނީފާ ސަސްޕެންޑް ކުރީ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން އޭނާ މަސައްކަތައް ނުކުންނަނަމަ އެމައްސަލައަށް ނޭދެވޭ އަސަރެއް ފޯރަފާނެތީ،" ކަމަށެވެ.
އިތުބާރުހުރި ގޮތަކަށް ސަން އަށް އެނގިފައިވާގޮތުގައި ހަނީފާއާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކުގެ ތެރޭގައި އޮފީހުގެ މަސައްކަތަށް އެއްބާރުލުން ނުދިނުމާއި ކޮމިޝަންގެ މުވައްޒަފުންގެ މެދުގައި މަސްލަހަތު ގެއްލޭގޮތަށް އަމަލުކުރުން ހިމެނެއެވެ.
ހަނީފާ ވަނީ މީގެ ދެ އަހަރު ކުރިން، އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިހާބުގެ ތެރޭގައިވެސް މަސައްކަތުން ދުރުކޮށްފައެވެ. އެފަހަރު އޭނާއާއި މެދު ތުހުމަތު ކޮށްފައިވަނީ ފުލުހަކާ ދިމާލަށް "މަނީމަނީ" އޭކިޔައި ގޮވި މައްސަލައެއްގައެވެ.