13 Jul 2015, 22:55
ވ. ރަކީދޫ ގެއެއްގެ ތެރޭގައި ބޮޑެތި ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރުވުމުގެ ކުރިން އެކުއްޖާ އަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިބްތިހާލުގެ ދޮން ކާފަ މ. ދިއްގަރު ބަށިމާގޭ އިސްމާއިލް ރައޫފްގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ މައްސަލައިގެ އިތުރު މައުލޫމާތު ސާފުކުރަން އަންގައިފި އެވެ.
ޕީޖީ އޮފީހުގެ އިންފޮމޭޝަން އޮފިސަރު މުހައްމަދު ނިހާން މިރޭ ސަންއަށް ވިދާޅުވީ، ތަހުގީގު ނިންމައި މިދިޔަ މޭމަހުގެ ހަތްވަނަ ދުވަހު އިސްމާއިލް ރައޫފްގެ މައްޗަށް ދައުވާ ކުރަން ފުލުހުން ފޮނުވާފައިވާ އެ މައްސަލަ އަނބުރާ ފޮނުވާލާފައި ވަނީ، "އެ މައްސަލައިގައި ފުރިހަމަނުވާ ކަންތައްތަކެއް ހުރުމުން އެކަންކަން ފުރިހަމަ ކުރުމަށްފަހު އަލުން ހުށަހެޅުމަށް" ކަމަށެވެ.
އިސްމާއީލް ރައޫފަކީ، އިބްތިހާލްގެ މަންމަ، އާފިޔާ މުޙައްމަދުގެ ދޮންބައްޕަ އެވެ.
ފުލުހުން ބުނެފައި ވަނީ ރައޫފަކީ މީގެ ކުރިން ވެސް ދޮންދަރިއަކަށް އަނިޔާ ކުރި ކަމުގެ ކުށް ސާބިތުވެ ހުކުމް ތަންފީޒުކޮށްފައިވާ މީހެއް ކަމަށެވެ. އަދި އޭނާ މީގެ ކުރިން އާފިޔާ އަށް ވެސް ގޯނާކޮށްފައިވާކަން ތަހުގީގަށް ހާމަވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.