މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މި އަހަރުގެ ފުރަތަމަ 6 މަހުގައި ހަ ބިލިއަން ރުފިޔާ ލިބިފައިވާއިރު ވިޔަފާރި ފައިދާއިން ނެގޭޓެކްސްގެ ގޮތުގައި 1.48 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މީރާއިން މިއަދު ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ފުރަތަމަ ހަ މަސްތެރޭ ވިޔަފާރި ފައިދާއިން ލިބުނު ޓެކްސް ވަނީ 9.7 ޕަސެންޓް އިތުރުވެފައެވެ. މިދިޔަ މަހު އެ ބާވަތުގެ ޓެކްސްގެ ގޮތުގައި 356.3 މިލިއަން ރުފިޔާ ބަލައިގެންފައިވާއިރު ފުރަތަމަ ހަ މަސްތެރޭ ވަނީ ވިޔަފާރި ފައިދާއިން 1.48 ބިލިއަން ރުފިޔާ ލިބިފައެވެ.

މިދިޔަ މަހުގެ ނިޔަލަށް ފުރަތަމަ ހަ މަސް ދުވަހުގެ ތަފާސް ހިސާބްތަކަށް ބަލާއިރު މީރާއަށް ޖުމުލަ 6.86 ބިލިއަން ރުފިޔާ ބަލައިގެންފައިވާއިރު މިއީ ވޭތުވެދިޔަ އަހަރު އެ މުއްދަތުގައި ބަލައިގަތް 5.68 ބިލިއަން ރުފިޔާއަށްވުރެ 20.7 ޕަސެންޓް އިތުރު އަދަދެކެވެ. އެމުއްދަތުގެ އާމްދަނީ އިތުރުވެފައިވަނީ، ޖީއެސްޓީ އާއި ބީޕީޓީގެ އިތުރުން ރިޒޯޓުތަކުގެ ކުލި ދައްކަންޖެހޭ މުއްދަތު އިތުރުކުރުމުގެ ފީއަށް ލިބުނު އާމްދަނީ އިތުރުވެފައިވުމާ ގުޅިގެންނެވެ.

ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ރޭޓު މިދިޔަ އަހަރުގެ ނޮވެންބަރުން ފެށިގެން 12 ޕަސެންޓަށް އިތުރުކުރުމާ ގުޅިގެން ޖީއެސްޓީން ލިބުނު އާމްދަނީ ފުރަތަމަ ހަ މަސް ދުވަހު 39.7 ޕަސެންޓް އިތުރުވެފައިވޭ.މީރާ

މިދިޔަ މަހުގެ އާމްދަނީގެ ގޮތުގައި މީރާއަށް ލިބިފައިވަނީ 1.24 ބިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅައިބަލާއިރު 2.3 ޕަސެންޓް ދަށް އަދަދެކެވެ.

ވޭތުވެދިޔަ އަހަރާ އަޅައިބަލާއިރު ޖޫންމަހުގެ އާމްދަނީ ދަށްވެފައިވަނީ ބީޕީޓީގެ ގޮތުގައި ޖޫން މަހު ބަލައިގަތް އާމްދަނީ ދަށްވުމާއި ޓޫރިޒަމް ޓެކްސް ނަގާފައިނުވުމުގެ ސަބަބުންނެވެ. އަންދާޒާކުރި ވަރަށްވުރެ ޖޫންމަހު ބަލައިގަތް އާމްދަނީ 17 ޕަސެންޓް ދަށްވެފައިވަނީ ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި އަންދާޒާކުރި މިންވަރަށް ޖޫންމަހު އާމްދަނީ ލިބިފައިނުވުމުގެ ސަބަބުންނެވެ.

މިދިޔަ މަހުގައިވެސް އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ޖީއެސްޓީ އަދި ބީޕީޓީންނެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 424.6 މިލިއަން ރުފިޔާ ލިބިފައިވާއިރު ބީޕީޓީގެ ގޮތުގައި ވަނީ 356.3 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ދެން އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ރިޒޯޓުތަކުގެ ކުލިންނާއި ބޭންކް ޕްރޮފިޓް ޓެކުހުންނާއި އެއާޕޯޓް ސާވިސް ޗާޖުންނެވެ.