13 Jul 2015, 22:31
ގއ. ގެމަނަފުށީ ސްކޫލުގެ ބިދޭސީ ޓީޗަރަކު އެ ސްކޫލްގެ ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ސަން އަށް ވިދާޅުވީ، ކުޑަކުދިންތަކަކަށް ތަކުރާރުކޮށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި 40 އަހަރުގެ ބިދޭސީއަކު ކޯޓް އަމުރެއްގެ ދަށުން މިއަދު ގެމަނަފުށިން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު ވަނީ 15 ދުވަހަށް ޖަހާފައެވެ.
ގެމަނަފުށީ ސްކޫލުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ، އެޓީޗަރާއި މެދު ތުހުމަތު ކުރެވެނީ ޓިއުޝަނަށް ކުދިން ގެންގޮސް ޖިންސީ ގޯނާ ކުރާ ކަމަށް ކަމަށެވެ.
"ފުލުހުން ތުހުމަތު ކުރަނީ ޓިއުޝަނަށް ގެންގޮސް އެކުއްޖާއަށް ޓީޗަރު ޖިންސީ ގޯނާ ކުރިކަމަށް. އެހެންނަމަވެސް މިކަމަކީ އެއްވެސް ގޮތަކަށް ކުރިއަކުން ސްކޫލަށް އެނގުނު ކަމެއް ނޫން. ކުއްލި ހައިރާން ކަމެއް މިސްކޫލަށް ލިބުނީ އެ ވާހަކައަޑުއިވިފަ ،" ގެމަނަފުށީ ސްކޫލުގެ އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ އެޓީޗަރާ މެދު ޖިނާއީ އެއްވެސް ތުހުމަތެއްކޮށް ފުލުހުން އެއްވެސް ތަހުގީގެއް ހިންގިކަން އެއްވެސް ސިފައެއްގައި ސްކޫލަށް އަންގާފައިނުވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން މީޑިއާ އަށް ހިއްސާކޮށްފައިވާ މައުލޫމާތުތަކަކީ ފުލުހުންގެ ފަރާތުން ނުރަސްމީކޮށް ލިބިފައިވާ މައުލޫމާތުތައް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"މިއީކީ ކުރިއަކުން އަޅުގަނޑަށް ވެސް އެނގުނު މައުލޫމާތެއް ނޫން. އެހެންނަމަވެސް މިވަރުގެ ކަމެއް ހިނގީމަ އަޅުގަނޑު ވެސް މަސައްކަތް ކުރާނަން ދެއްތޯ ނުރަސްމީކޮށް ނަމަވެސް އެކަމުގެ މައުލޫމާތު ލިބޭތޯ. އެގޮތުން އަޅުގަނޑު ބެލި ބެލުމުން އެނގުނު މައުލޫމާތުތައް މީޑިއާ އަށް މި ހިއްސާކުރީ މިއީކީ ސްކޫލްގައި މަސައްކަތް ކުރާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ލިބިފައި ހުރި މައުލޫމާތުތަކެއް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.
އެޓީޗަރަކީ ގެމަނަފުށީ ސްކޫލުގައި އިނގިރޭސި ކިޔަވައިދެމުންދާތާ 8 އަހަރު ވެފައިވާ ޓީޗަރެކެވެ.
އެރަށު ސްކޫލުގެ އޮފިޝަލް ވިދާޅުވީ، އެޓީޗަރަކީ މިހާތަނަށް ވަރަށް އިހުލާސްތެރިކަމާއެކު މަސައްކަތްކޮށްފައިވާ އަދި މިހާތަނަށް އެނޫނީ އެއްވެސް މައްސަލައެއް ފެންމަތި ނުވާ ޓިޗަރެއް ކަމަށެވެ.