19:00


ހުޅަނގު ޗައިނާގެ ރަށްފުށުގެ ހިސާބަކަށް އައި ބާރުގަދަ ބިންހެލުމެއްގައި 300އަށްވުރެ ގިނަ މީހުން މަރުވެ ގިނަ ބައެއްގެ ގެދޮރު ގެއްލިއްޖެ އެވެ.


ހުޅަނގު ޗައިނާގެ ގިންހާއި ޕްރޮވިންސަށް ރިކްޓާ މިންގަނޑުން 7.1 ގައި އައި މި ބިންހެލުމުގެ ސަބަބުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އަދިވެސް ގިނަ ބަޔަކު ތިބޭނެ ކަމަށް ބެލެވޭ ކަމަށާއި އަދި ގެދޮރު ގެއްލިފައިވާ މީހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ގިންހާއީ ޕްރޮވިންސްގެ ވެރިރަށް ޔޫޝޫއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.


މީގެ އިތުރުން މީޑިއާއަށް މައުލޫމާތު ދެމުން އެ ސަރަހައްދުގައި ހަރަކާތްތެރިވާ ސިފައިންގެ އިސް ކޮމާންޑަރު ބުނެފައި ވަނީ ބިންހެލުމުގެ ސަބަބުން އަށް ހާހަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށާއި މަރުވި މީހުންގެ އަދަދު އަދިވެސް މައްޗަށް ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި މި ސަރަހައްދުގައިވާ ގިނަ އިމާރާތްތައް ވަނީ އެއްކޮށް ބިމާ ހަމަވެފައި ކަމަށް ވެސް އޭނާ ބުންޏެވެ.


މައުލޫމާތު ލިބޭ ގޮތުގައި ލައްކައެއްހާ މީހުން ދިރިއުޅޭ އެ ސަރަހައްދަކީ ޗައިނާގައި އެންމެ ގިނައިން ބިންހެލުން އަންނަ އެއް ސަރަހައްދެވެ.