13 Jul 2015, 22:07
ބައެއް މިސްކިތްތައް ހުންނަ ސަރަހައްދުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ޕާކް ކުރެވޭނެ ހާއްސަ ސަރަހައްދުތަކެއް ހަމަޖެއްސުމަށް ނިންމައިފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއް ރަޝީދު ނާފިޒް މިއަދު ސަން އަށް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރޮޅުލީ ގޮނޑި ބަހައްޓަން މާލޭގެ ބައެއް މިސްކިތްތަކުގައި ނިންމާފައިވާ އިރު އެ މިސްކިތްތަކުގެ ކައިރީ އެފަދަ ފަރާތްތަކަށް ޕާކްކުރެވޭނެ ހާއްސަ ޒޯނެއް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށެވެ.
"މާލޭގައި ޓްރެފިކް މައްސަލަ ހުރިގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިސްކިތަށް އަންނައިރު މިސްކިތާއި މާދުރު ނޫން ހިސާބެއްގައި ޕާކް ކުރެވޭނެ އޭރިއާއެއް ހަމަޖެހިފައިހުރުމަކީ މުހިންމުކަމެއް. އެ އޭރިއާ ފާހަގަ ކުރެވޭ ގޮތަށް ނިޝާނެއް ހަރުކޮށްފައި ހުނަންނަ ޖެހޭނެ،" ނާފިޒް ވިދާޅުވި އެވެ.
އެފަދަ ތަންތަން އަންގައިދޭ ވަކި ނިޝާންތަކެއް ހަރުކުރަން ނިންމާފައިވާއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަދެ ނުކުމެވޭ ގޮތަށް ހެދުމަށްޓަކައި ދޮރާށި ކުރިމަތީގައި އެހެން އުޅަނދުތަކަށް ޕާކް ނުކުރެވޭނެ ނިޝާންތައްވެސް ހަރުކުރަން ވަނީ ނިންމާފައެވެ.
ޑިސެބިލިޓީޒް އެމްބެސެޑަރު އަހުމަދު ހިޝާން ސަން އަށް ވިދާޅުވީ، މިގޮތަށް ހަމަޖެއްސުމަކީ އޭނާ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކުރި މަސައްކަތެއް ކަމަށާއި އެކަން ކާމިޔާބްވީ ފުލުހުންގެ އެހީތެރިކަމާއެކު ކަމަށެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށް ހިޝާން ވިދާޅުވިއެވެ.
ފުރޮޅުލީ ގޮނޑި މިހާތަބަށް ބަހައްޓާފައިވަނީ ވިޔަފާރިވެރިންގެ މިސްކިތާއި ފުރުގާން މިސްކިތުގެ އިތުރުން ނޫރު މިސްކިތުގައެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ފުރޮޅުލީ ގޮނޑި އިތުރު މިސްކިތްތަކުގައި ބަހައްޓާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.