13 Jul 2015, 21:47
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސް މުހައްމަދު ފައިސަލާ އެކު ފަސް ބޭފުޅަކު އިސްލާމިކް ޔުނިވާސިޓީގެ ކައުންސިލަށް އައްޔަން ކޮށްފި އެވެ.
އިސްލާމިކް ޔުނިވާސިޓީގެ ކައުންސިލަށް ފައިސަލް އައްޔަން ކުރައްވާފައި ވަނީ ގާނޫނީ ދާއިރާ އިންނެވެވެ.
ވިޔަފާރި ނުވަތަ މާލީ ނުވަތަ އިގްތިސޯދީ ދާއިރާ އިން އިސްލާމިކް ޔުނިވާސިޓީގެ ކައުންސިލަށް ރައީސް ޔާމީން އައްޔަން ކުރެއްވީ މ. މުސްތަފާ އާބާދު މުހައްމަދު މުސްތަފާ އިބްރާހީމެވެ.
މެޑިކަލް ދާއިރާ އިން އިސްލާމިކް ޔުނިވާސިޓީގެ ކައުންސިލަށް އައްޔަން ކުރައްވާފައި ވަނީ ޑރ. މުހައްމަދު ހަނީފެވެ. ހަނީފަކީ ކާޑިއޮލޮޖިސްޓެކެވެ. އޭނާ މަސައްކަތް ކުރައްވަނީ ވިލިމާލޭ ސިއްހީ މަރުކަޒާއި ސެންޓްރަލް މެޑިކަލް ސެންޓަރުގެ އިތުރުން މެޑިކާ ހޮސްޕިޓަލްގައެވެ.
އިސްލާމިކް ޔުނިވާސިޓީއަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއްގެ ގޮތުގައި ރައީސް ޔާމީން އައްޔަން ކުރެއްވީ އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު އަބްދުﷲ ނާޒިމް އިބްރާހީމެވެ.
ތައުލީމީ ދާއިރާއިން އިސްލާމިކް ޔުނިވާސިޓީގެ ކައުންސިލަށް އައްޔަން ކުރައްވާފައި ވަނީ އައްޑޫ ސިޓީގެ މީދޫ، ފްލާވާ މީޑް ޝުހުދާ ރިޒްވާނެވެ.
އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަމަށް ރައީސް އައްޔަން ކުރެއްވީ ޑރ. މުހައްމަދު ޒާހިރު ހުސައިނެވެ. އަދި ވައިސް ޗާންސެލަރު ކަމަށް އައްޔަން ކުރެއްވީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.