ހއ. ކެލާގެ ނަރުދަމާ ނިޒާމުގެ މަސައްކަތް އަމަލީ ގޮތުން ފަށައިފިއެވެ.

މިއަދު ކެލާގައި ބޭއްވި ރަސްމިއްޔާތެއްގައި ނަރުދަމާގެ މަސައްކަތް އަމަލީގޮތުން ފައްޓަވައިދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އާއި މާލޭ ވޯޓަ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އާއި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އަރީފުގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަބްލުމް މަތީން މުހައްމަދެވެ.

އާބާދީގައި 2،500 އެއްހާ މީހުން ދިރިއުޅެމުން އަންނަ ކެލާގެ ރައްޔިތުން ތިބީ ނަރުދަމާގެ ނިޒާމް ގާއިމް ކުރެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.

އެމްޑަބްލިއުއެސްސީ އާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ އެ ޕްރޮޖެކްޓްއަކީ ޖުމްލަ 54 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.
ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު ވިދާޅުވީ ނަރުދަމާ ނިޒާމެއް ގާއިމް ކުރެވޭއިރު އެކަމާ ގުޅޭ ގޮތުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތަކެއް ކެލާގައި ކުރިއަށްދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ނަރުދަމާގެ އިތުރުން ކެލާގެ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފަށާނެ ކަމަށެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ވިދާޅުވީ ނަރުދަމާގެ ނިޒާމުގެ ދަށުން 20 މީޓަރުގެ ހޮޅި ގުޅުމަށްހަމަޖެހިފައިވާ ކަމަށެވެ. އަދި ހަތަރު ޕަމްޕެއްވެސް އެ ޕްރޮޖެކްޓުގެ ދަށުން ހަރުކުރެވޭނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.
ކެލާ ކައުންސިލްގެ ރައީސް އަބްދުﷲ އިންފާޒް ވިދާޅުވީ މިއަދަކީ ކެލާގެ ރައްޔިތުން ވަރަށް އިންތިޒާރު ކުރަމުން އައި ދުވަހެއްކަމަށާއި ނަރުދަމާގެ މަސައްކަތަށް ހުރަސްއެޅޭ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.