ވެލެންސިއާގެ ޑިފެންސިވް މިޑްފީލްޑަރު އަކުރަމް ޢަބްދުލް ޣަނީ ކެޕްޓަނަކަށް ހަމަޖައްސައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ގައުމީ ފުޓްބޯޅަ ޓީމް އެކުލަވާލައިފިއެވެ.

އައިއޯއައިޖީގައި އަކުރަމް ކެޕްޓަން ބޭންޑް އަޅަނީ ގައުމީ ޓީމްގެ ކެޕްޓަން ޢަލީ އަޝްފާގު (ދަގަނޑޭ)އާއި ވައިސް ކެޕްޓަން މުހައްމަދު ޢާރިފު (ބަކާ) އަށް އެދެކުންޅުންތެރިން ކުޅޭ ކުލަބުތަކުން ރިލީސް ނުލިބޭތީއެވެ. ދަނގަޑޭ ކުޅެމުންދަނީ މެލޭޝިއާގެ ޕީޑިއާރްއެމްއަށެވެ. ބަކާ ކުޅެމުންދަނީ މިޔަންމާގެ ކޭބީޒެޑް އެފްސީއަށެވެ.

ގައުމީ ޓީމްގެ ކޯޗް ބަލްގޭރިއާގެ ވެލިޒާ ޕޮޕޯވް ބުނީ ދަނގަޑޭއާއި ބަކާއަށް ފަހު އަކުރަމަކީ ގައުމީ ޓީމްގެ ތިން ވަނަ ކެޕްޓަން ކަމަށެވެ.

ގައުމީ ސްކޮޑް 25 ކުޅުންތެރިންނާއެކު އެކުލަވައިލި ނަމަވެސް އައިއޯއައިޖީއަށް ފުރުމުގެ ކުރިން 20 ކުޅުންތެރިންނަށް ސްކޮޑު ތިރިކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޕޮޕޯވް ބުނީ މިފަހަރު ޓީމުން ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފައިވާނެ ކަމަށެވެ. އެއީ އެކުޅުންތެރިންގެ ފެންވަރު ދެނެގަނެ ފަރިތަކުރުންތަކުގައި ފާހަގަ ކުރެވޭ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އޭނާ ބުންޏެވެ.

މިފަހަރަކީ ދަނގަޑޭއާއި ޢިމްރާން އަދި ބަކާ ނުލައި ގައުމީ ޓީމް ކުޅެން ދަސް ކުރަންޖެހޭ ވަގުތު ކަމަށާއި މިފުރުސަތަކީ ޒުވާން ކުޅުންތެރިނަށް އެ ކުޅުންތެރިންގެ ހުނަރުވެރިކަމާއި ފެންވަރު ދެއްކުމަށް ރަނގަޅު ފުރުސަތެއް ކަމަށް ޕޮޕޯވް ބުންޏެވެ.

"ފަހަރެއްގައި ސާފު ޗެމްޕިއަންޝިޕަށް ފަހު ދަނގަޑޭއާއި ޢިމްރާން ގައުމީ ޓީމަށް ކުޅުން ހުއްޓާވެސް ލާފަނެ. ދެން ރާއްޖޭގެ ގައުމީ ޓީމަށް ވަނީ ކިހިނެއްތޯ. އަޝްފާގު އާއި ޢިމްރާން ނުހިމެނޭތީ ރާއްޖޭގެ ގައުމީ ޓީމެއް ދެން ނޯންނީތޯ؟ ނޫން މިވަގުތަކީ އެކަމަށް ތައްޔާރުވާން ޖެހޭ ވަގުތު. މިމުބާރަތަކީ އެކަމަށް ތައްޔާރުވާން ވަރަށް ރަނގަޅު ފުރުސަތެއް. މުބާރާތަކީ ވަރަށް ވަރުގަދަ މުބާރާތެއް،" ޕޮޕޯވް ބުންޏެވެ.

ޢިމްރާން އަށް އިންޖަރީ ވެފައިވާއިރު މުބާރާތުގެ ފުރަތަމަ އެގާރައިގައި ބޭނުން ކުރަނީ ކޮންކީޕަރެއްތޯ ދެންނެވުމުން ޕޮޕޯވް ބުނީ މުބާރަތުގައި ކުޅޭ ތިން މެޗްގައި ތިން ކީޕަރުންވެސް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި މިވަގުތަކީ ވޯލްޑްކަޕް ކޯލިފައިންގައި ޗައިނާއާ ދެކޮޅަށް ކުޅޭނެ ކީޕަރެއް ޓެސްޓް ކުރުމަށް ރަނގަޅު ފުރުސަތެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ޕޮޕޯވް ބުނީ ކީޕަރުން ނެގުމުގެ ކަންތައް ކުރިއަށް ގެންދާނީ ކުރިގެ މަޝްހޫރު ގޯލްކީޕަރު އަސްލަމް ޢަބްދުއްރަހީމް ކަމަށެވެ.

ގައުމީ ޓީމް ޕްރެކްޓިސް ފެށުމަށް ހަމަޖެހިފައިވަނީ މިމަހު 18 ވަނަ ދުވަހުއެވެ.

މުބާރަތުގައި ވާދަ ކުރާ އަންހެން ޓީމް ސްކޮޑްވެސް ވަނީ މިއަދު އިއުލާން ކޮށްފައެވެ.

އަންހެން ޓީމްގެ ސްކޮޑްގައި ހިމެނެނީ މުބަރާތުގައި ވާދަކުރާ 20 ކުޅުންތެރިންނެވެ.

އަންހެން ގައުމީ ޓީމްގެ ކޯޗް ޖަޕާނުގެ ރިއޯ ކޯޗް ބުނީ މުބާރާތަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ލަންކާއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޯގަސްޓް 1 އިން 8 ރީޔުނިއަންގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ފިރިހެން ފުޓްބޯޅައިގައި ރާއްޖޭ ހިމެނުނީ ޝީޝެލްސްއާ މަޑަގަސްކަރަ އަދި މަޔޯއްޓޭ ގޫރޫޕް އޭގައެވެ.

ގުރޫޕް ބީގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު ރީޔުނިއަންއާ ކޮމޮރޯސްއާއި މައުރީސްއެވެ.

އަންހެން ފުޓްބޯޅައިގައި ރާއްޖޭގެ ޓީމް ލައްވާލީ ގުރޫޕް އޭ ގައެވެ. އެ ގޫރޫޕްގައި ދެން ހިމެނެނީ ޝީޝެލެސްއާ މަޔޯއްޓޭއެވެ.

ގުރޫޕް ބީގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު ރީޔުނިއަން އާއި މައުރީސް އާއި މަޑަގަސްކަރަ އަދި ކޮމޮރޯސްއެވެ.

އައިއޯއަިޖީގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓް މުބާރާތަށް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް ހަމޖެހިފައިވަނީ އަންނަ މަހު 1 އިން 8 ވަނަ ދުވަހުގެ ނިޔަލަށް ރީޔުނިއަންގެ ވެރިރަށް ސެންޓި ޑެނިސްގައެވެ.