މިދުވަސްވަރު ރާއްޖޭގައި ފެތުރެމުންދާ ޑެންގީ ހުން ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖެ އަންނަ ޑޮކްޓަރުންނަށް ޑަބްލިއުއެޗްއޯ މެދުވެރިކޮޮށް އޮންލައިންކޮށް ތަމްރީން ދިނުމާ ބެހޭ މޮޑިއުލެއް ހެދުމަށް އެދިފައިވާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ހެލްތް މިނިސްޓްރީގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ ކޮމިއުނިކެބަލް ޑިޒީސް ހެޑް، ޑރ. ފާތުމަތު ނަޒްލާ ވިދާޅުވީ އަތޮޅު ތެރޭގައި ޑެންގީ ހުން ޖެހޭ މީހުންނަށް ފަރުވާ ދިނުމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އަތޮޅު ތެރޭގައި ތިބި ޑޮކްޓަރުންނަށް ޑެންގީއާ ބެހޭ އެކަށީގެންވާ މައުލޫމާތު ނޭނގުން ކަމަށެވެ.

ނަޒްލާ ވިދާޅުވީ އެ މައްސަލައަކީ އަބަދުވެސް ދިމާވެފައިވާ މައްސަލައެއް ކަމަށާއި ކުރިން އެފަދަ ޑޮކްޓަރުންނަށް ޓްރޭނިންތައް ހިންގަނީ ޓެލެ ކޮންފަރެންސް މެދުވެރިކޮށް ކަަމަށެވެ.

"ޓްރޭނިންގްތައް މި ހިންގަނީ ޓެލެކޮންފަރެންސްތައް މެދުވެރިކޮށ،ް ބޮޑެތި ވޯކްޝޮޕްތައް ވެސް ބާއްވަން އެކަމަކު ހުރިހާ ރަށެއްގެ ޑޮކްޓަރުން ބައިވެރިއެއް ނުކުރެވޭ، އަނެއްކޮޅުން ޑޮކްޓަރުން އެހާ އަވަހަށް އެބަ ބަދަލުވޭ، އެހެންވެ އަޅުގަނޑުމެން ވާނީ ރާއްޖެ އަންނަ ކޮންމެ ޑޮކްޓަރަކަށް ވެސް އޮންލައިންކޮށް ފުރިހަމަ ކުރެވޭނެ ޓްރޭނިންގް މޮޑިއުލްއެއް ތައްޔާރުކުރުމަށް އެދިފައި،" ނަޒްލާ ވިދާޅުވި އެވެ.

ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމް -- ސަން ފޮޓޯ އަލީ ނަސީރު

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމްް ވިދާޅުވީ ގެންޑީ ހުން ޖެހިގެން މިއަހަރުގެ މިހާތަނަށް 669 މީހުން ރިޕޯޓްކޮށްފައިވާއިރު އެ ބަލި ޖެހޭ މިންވަރު މަދު ކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ޑެންގީ މަދިރި އުފެދޭ ތަންތަން ނައްތާލައި ފޮގްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަންޖެހޭ ކަމަށް ވިދާޅުވި އެވެ.

"ފޮގް ސްޕްރޭ އަކީ ދާއިމީ ހަލެއް ނޫން، މިވަގުތު އައުޓް ބްރޭކް ގިނަވެގެން މަދިރި ނައްތާލަން ވެގެން އެޅުނު ފިޔަވަޅެއް ކަމުގައިވާތީ ކުރިއަށް އޮތް ތަނުގައި ސާފުތާހިރުކޮށް އެތަންތަނުން ކުނި ނައްތާލައި، މަދިރިން ސަލާމާތް ވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި އައިޖީއެމްއެޗުގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވީ މަދިރިން ސަލާމަތްވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު އާއްމުންނަށް ފޯރުކޮށްދީގެން ނޫނީ ޑެންގީ ކޮންޓްރޯލް ނުކުރެވޭނެ ކަމަށެވެ. އަދި ރާއްޖެއަކީ މަދިރިއަށް އެންމެ އާލާވުން ބޮޑު ގައުމަކަށްވާއިރު މަދިރި އުފެދޭ ތަންތަން ސާފުކުރުމުގެ މަސައްކަތް ހުއްޓާލައިފިނަމަ އަނެއްކާ ވެސް މަދިރި އާލާވާ ކަމަށް އޭނާ ވިދާޅުވިއެވެ.