13 Jul 2015, 16:28
އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމުގައި ހުންނެވި އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރާއެކު ޔުނިވާސިޓީގެ ކައުންސިލަށް ފަސް ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އައްޔަން ކުރައްވައިފި އެވެ.
އަޒީޒު ކައުންސިލަށް އައްޔަން ކުރެއްވީ ޔުނިވާސިޓީ ކުރިއަރުވައި ތަރައްގީ ކުރުމުގެ ގޮތުން އެހީތެރިކަން ދެއްވާފައިވާ ބޭފުޅެއްގެ ހައިސިއްޔަތުންނެވެ.
ސިއްޙީ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން ޔުނިވާސިޓީގެ ކައުންސިލަށް ރައީސް ޔާމީން އައްޔަން ކުރެއްވީ މ. ދިރުން ޑރ. ފާތުމަތު ނަޒްލާ ރަފީގެވެ.
ތައުލީމީ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އައްޔަން ކުރެއްވީ މާލޭ ދަފްތަރު ނަމްބަރު 1325 ޑރ. ހުސައިން ފާއިޒެވެ.
ވިޔަފާރި ނުވަތަ މާލީ ނުވަތަ އިގުތިސޯދީ ބޭފުޅެއްގެ ހައިސިއްޔަތުން އެ ކައުންސިލަށް އައްޔަން ކުރެއްވީ މއ. ދިލާސާގޭ މުހައްމަދު ލުވެއިޒެވެ.
ގާނޫނީ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން ޔުނިވާސިޓީގެ ކައުންސިލަށް ރައީސް ޔާމީން އައްޔަން ކުރެއްވީ އެސިސްޓެންޓް އެޓާނީ ޖެނެރަލް އިސްމާއިލް ވިޝާމެވެ.
ގައުމީ ޔުނިވާސިޓީގެ ކައުންސިލަށް އައްޔަން ކުރެއްވި ބޭފުޅުން އެހެން މަގާމެއްގައި ހުންނެވި ނަމަވެސް އެ މަގާމް ނުގެއްލޭނެ އެވެ.
ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ކަމުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޒާހިރު ހުސައިން އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަމަށް ބަދަލު ކުރެއްވުމަށްފަހު ގައުމީ ޔުނިވާސިޓީގެ ޗާންސެލަރަކަށް ރައީސް ޔާމީން އައްޔަން ކުރެއްވީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި ޑރ. މުހައްމަދު ލަތީފެވެ.
ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ކަމަށް އައްޔަން ކުރެއްވީ ޑރ. އަލީ ފަވާޒް ޝަރީފެވެ.