އަތޮޅުތަކުގެ ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުގެ އާބާތުރަ ފިލުވުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން ތިން ރަށެއްގެ ސިއްހީ މަރުކަޒު މަރާމާތު ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

މިއަދު ބަޔަކާ ހަވާލުކުރީ ޅ. ކުރެންދޫ ސިއްހީ މަރުކަޒު މަރާމާތު ކުރުމަށާއި ތ. ބުރުނީގެ ސިއްހީ މަރުކަޒަށް އިތުރުކުރި ބައިގައި ނުނިމި ހުރި މަސައްކަތް ނިންމުމުގެ މަސައްކަތާއި އދ. އޮމަދޫ ސިއްހީ މަރުކަޒު މަރާމާތު ކުރުމުގެ މަސައްކަތެވެ.

އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްފަހު ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ މިއަދު ބަޔަކާ ހަވާލުކުރި ތިން މަޝްރޫއަކީ ސިއްހީ ޚިދުމަތްދޭ ތަންތަނުގެ ތެރެއިން މިހާރުު ޖާގަ ކުޑަވެފައިވާ ތަންތަނަށް ޖާހަ އިތުރުކޮށް، މަރާމާތަށް ބޭނުންވާ ތަންތަން މަރާމާތުކޮށް، ޚިދުމަތްތައް ރަނގަޅު ކުރުމުގެ ގޮތުން ހަވާލުކޮށްފައިވާ ތިން މަޝްރޫއު ކަމަށެވެ.

އެ ތިން މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ޚަރަދުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކޮންޓްރެކްޓްތައް ހަވާލުކޮށްފައިވާ ފަރާތްތަކަށް ދީފައިވާ މުއްދަތުގައި އެ މަސައްކަތްތައް ނިންމުމަށް އެދެން. މި ޚިދުމަތްތަކަކީ އާއްމު ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކަށްވާތީ މަސައްކަތް ނުނިމި ލަސްވުމުން އާއްމު ރައްޔިތުންނަށް ވަރަށް ދަތިތަކާ ކުރިމަތިވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގެ ތެރޭގައި -- ސަން ފޮޓޯ އަލީ ނަސީރު

ކުރެންދޫ ސިއްހީ މަރުކަޒު މަރާމާތުކުރުމަށް 374،974،975.00 ރުފިޔާ އަށް ހަވާލުކޮށްފައިވަނީ ވެހިކޮން ބިލްޑާސް އާ އެވެ. އެ ކުންފުނިން އެ މަސައްކަތް 70 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

ބުރުނީގައި ސިއްހީ މަރުކަޒަށް އިތުރު ކުރި ބައިގައި ނުނިމި ހުރި މަސައްކަތް ނިންމުމަށް 1،400،164.15 ރުފިޔާ އަށް ހަވާލުކޮށްފައިވަނީ އިންޓާލޮކް ކޮންސްޓްރަކްޝަނާ އެވެ. އެ މަސައްކަތަކީ 125 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

އޮމަދޫ ސިއްހީ މަރުކަޒު މަރާމާތު ކުރުމަށް 290،190.90 ރުފިޔާ އަށް ހަވާލުކޮށްފައިވަނީ ވެހިކޮޮން ބިލްޑާސްއާ އެވެ. އެ މަސައްކަތް 70 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ.